ޕެސިފިކް ކަނޑުގައި މިހާރު އުފެދެމުން އަންނަ އެލް ނީނޯގެ ސަބަބުން ދިވެހިރާއްޖެއަށް މޫސުމީ ގޮތުން ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް، މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކުރައްވައިފިއެވެ.
މެޓު އޮފީހާ ހަވާލާދީ ބައެއް މީޑިޔާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، އެލް ނީނޯގެ ސަބަބުން ރާއްޖޭގެ މޫސުމީ މިންގަނޑުތަކަށް އަންނަ ބަދަލުތަކާއެކު، ކުރިއަށް އޮތް ތަނުގައި ބައެއް ސަރަހައްދުތަކަށް ވާރޭ ވެހޭ މިންވަރު މަދުވުމާއި، އަނެއްބައި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުން ފަދަ ކަންކަން ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.
އެގޮތުން، ބޭ އޮފް ބެންގަލް އާއި އަރަބި ކަނޑުގައި އުފެދޭ ތޫފާންތަކަށް މި ފެންގަނޑުގެ ހޫނުމިނުގެ ސަބަބުން އަސަރުކޮށް، އެ ތޫފާންތަކުގެ ނުސީދާ އަސަރު ރާއްޖެއަށް ކުރާނެކަމަށް ރިޕޯޓުކޮށްފައިވެއެވެ.
ދުނިޔޭގެ މޫސުމާ ބެހޭ ޖަމްއިއްޔާއިން ލަފަކުރާ ގޮތުގައި މި އަހަރުގެ މެދުތެރެއިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެލްނީނޯގެ އަސަރު ފެންނަން ފަށާނެއެވެ. ޕެސިފިކް ކަނޑުގައި "އެލް ނީނިއޯ" އުފެދެމުންދާ ދުވެލި އުންމީދުކުރި ވަރަށްވުރެ އަވަސްވެފައިވާއިރު، މިއަހަރުގެ ފަހުކޮޅު ނުވަތަ ފިނި މޫސުމާ ދިމާކޮށް މިއީ ތާރީޚީ ގޮތުން އެންމެ ބާރުގަދަ ނުވަތަ "ސުޕަ" އެލް ނީނިއޯ އަކަށް ވުމުގެ ފުރުސަތު ބޮޑުވަމުންދާ ކަމަށް ކަމާބެހޭ މާހިރުން ހާމަކޮށްފައިވެއެވެ.
އަހަރުގެ ފަހުކޮޅު މި އަސަރުތައް އެންމެ ބޮޑަށް ފެންނާނެ ކަމަށް ލަފާކުރެއެވެ. މިއީ ފާއިތުވި ދިހަވަރަކަށް އަހަރުގެ ތެރޭގައި އެންމެ ވަރުގަދަ އެލް ނީނޯއަކަށް ވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.
އެލް ނީނޯގެ ސަބަބުން ކަނޑުގެ ފެންގަނޑު ހޫނުވެ، މޫސުމީ ވައިގެ މިސްރާބުތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ހޫނުގަދަވުމާއި، ފެންފަށަލަ ތަޣައްޔަރުވުމާއި އަދި ކަނޑުގެ ދިރުންތަކަށް، ހާއްސަކޮށް މުރަކަތައް ހުދުވުން ފަދަ ނުރައްކާތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ.
މިހުރިހާ ކަމަށް ތައްޔާރުވުމަށް، ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން ދަނީ ރާއްޖޭގެ މޫސުމަށް އަންނަމުންދާ ބަދަލުތައް ގާތުން މޮނިޓަރ ކުރަމުންކަން ހާމަކޮށްފައިވެއެވެ.
އެލް ނީނޯއަކީ، ޕެސިފިކް ކަނޑުގެ ސަރަހައްދުގެ ފެންގަނޑު އާދަޔާ ހިލާފަށް ހޫނުވުމުގެ ސަބަބުން މުޅި ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް ގެނެސްދޭ ގުދުރަތީ މޫސުމީ ހާދިސާކެއެވެ.
މީގެ ސަބަބުން ބައެއް ސަރަހައްދުތަކަށް ހަނަފަސްކަމާއި ގަދަ ހޫނު ކުރިމަތިވެ، ފެނުގެ ދަތިކަމާއި ޖަންގަލިތަކުގައި އަލިފާން ރޯވުމުގެ ނުރައްކާ އިތުރުވެއެވެ. އަނެއްބައި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތައް ކުރިމަތިވެއެވެ. މީގެ އިތުރުން، އިންސާނުންގެ އަމަލުތަކުގެ ސަބަބުން ދުނިޔޭގެ ހޫނުމިން މަތިވަމުންދާ ދަނޑިވަޅެއްގައި، އެލް ނީނޯގެ ސަބަބުން މި ހޫނުމިން އިތުރަށް މައްޗަށް ދިއުމަށް މަގުފަހިވެއެވެ.
- މޫސުމަށް އަންނަ ބަދަލު: އިރުވައި އަދި ހުޅަނގު މޫސުމަށް ބަދަލުއައިސް، ވާރޭވެހޭ މިންވަރު މަދުވުން ނުވަތަ ބޯކޮށް ވާރޭވެހި ފެންބޮޑުވުން ފަދަ ނުރައްކާތައް ކުރިމަތިވެއެވެ.
- ކަނޑުގެ ދިރުންތަކަށް އަސަރުކުރުން: ކަނޑުގެ ލޮނުގަނޑު އާދަޔާ ހިލާފަށް ހޫނުވުމުގެ ސަބަބުން ކަނޑުފަޅުގެ ދިރުންތަކަށް ގެއްލުންވެ (މިސާލަކަށް: މުރަކަ ހުދުވުން)، މަސްވެރިކަމަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރެއެވެ.
މީގެ ކުރިން ބާރުގަދަ އެލް ނީނޯގެ ހާދިސާތައް ފާހަގަކުރެވިފައިވަނީ 1972-1973، 1982-1983، 1997-1998 އަދި 2015-2016 ގައެވެ. މީގެ ތެރެއިން 2015-2016 ގެ އެލް ނީނޯއަކީ ރެކޯޑް ކުރެވުނު އެންމެ ބާރުގަދަ އެލް ނީނޯއެވެ.

