ދިވެހި ފުލުހުންގެ ހިދުމަތުގެ އިދާރީ ހިންގުމުގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެސްފިއެވެ.
އެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، އެފަދަ ބަދަލުތަކެއް ގެނެސްފައިވަނީ، ހިދުމަތުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ދެވޭ ހިދުމަތުގެ ފެންވަރު މަތިކުރުމުގެ މަގުސަދުގައެވެ.
އިއްޔެއިން ފެށިގެން ގެނެސްފައިވާ އެ ބަދަލުތަކާއެކު، އާ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން މަގާމުތަކަށް އޮފިސަރުން އައްޔަންކުރުމުގެ މަސައްކަތާއި ހިންގުމުގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އާ އޮނިގަނޑު ތަންފީޒުކުރުމުގެ އަމަލީ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށް ފުލުހުން މީޑިޔާއަށް ދެއްވި މައުލޫމާތުގައި ހާމަކުރައްވާފައިވެއެވެ.
މި ބަދަލާއެކު، ފުލުހުންގެ މައިގަނޑު ހިދުމަތްތައް ވަނީ ތަފާތު ކޮމާންޑުތަކެއްގެ ދަށުން ތަރުތީބުކުރެވިފައެވެ. އޭގެ ތެރޭގައި ތަހުގީގީ ދާއިރާ، އިންޓެލިޖެންސް، ފޮރެންސިކް، އޮޕަރޭޝަނަލް ސަޕޯޓް، ޓެކްނޮލޮޖީ، ޓްރޭނިން އަދި ކޯޕަރޭޓް ސަޕޯޓް ފަދަ މުހިންމު ދާއިރާތައް ހިމެނެއެވެ.
އައު އޮނިގަނޑުގައި ކޮމާންޑް ލެވެލްގައި ހިމެނޭ މައިގަނޑު ބައިތަކަކީ:
- – އޮފީސް އޮފް ދަ ކޮމިޝަނާ
- – ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް
- – ޕްރޮފެޝަނަލް ސްޓެންޑާޑްސް
- – ނޭޝަނަލް އިންޓެލިޖެންސް ސާވިސް
- – އިންޓާނަލް ސެކިއުރިޓީ އެންޑް އޮޕަރޭޝަނަލް ސަޕޯޓް
- – ފޮރެންސިކް ސާވިސަސް
- – ސެންޓްރަލް އިންވެސްޓިގޭޝަންސް
- – މާލޭ ޕޮލިސް އަދި ހުޅުމާލޭ ޕޮލިސް
- – ނޮދަން ޕޮލިސް އަދި ސަދަން ޕޮލިސް
- – ސާވިސް ޑިވެލޮޕްމަންޓް އަދި ސާވިސް ސަޕޯޓް
- – ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ އެވެ.
މި އޮނިގަނޑު ފަރުމާކޮށްފައިވަނީ ތަފާތު ދާއިރާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، އޮޕަރޭޝަނަލް ހިންގުން ހަރުދަނާކުރުމާ އެކު، ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދޭ ފުލުހުންގެ ނިޒާމެއް ގާއިމްކުރުމަށް ކަމަށް ފުލުހުން ހާމަކުރައްވާފައިވެއެވެ. އަދި ހިދުމަތް ދިނުމުގެ އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ދައުރު ފުޅާކުރުމާއި ރާއްޖޭގެ އަމަން އޮމާންކަމާއި ރައްކާތެރިކަމުގެ މާހައުލަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް، ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުން ކަށަވަރުކުރުމަކީ މި ބަދަލުގެ މައިގަނޑު މަގުސަދެއްގެ ގޮތުގައި ވެސް ފުލުހުން މި ބަދަލުތައް ފާހަގަކޮށްފައިވެއެވެ.

