މިދިޔަ އަހަރާ އަޅާ ބަލާއިރު މެއި މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެއެވެ.
ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ނިމުނު މެއި މަހު ރާއްޖެއަށް އެއް ލައްކަ ތިރީސް ނުވަ ހާހަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން، މެއި މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދަކީ 139،746 އެވެ. މިއީ މިދިޔަ އަހަރުގެ މެއި މަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ނިސްބަތަށް ބަލާއިރު 3 އިން ސައްތައިގެ އިތުރު ވުމެކެވެ. މި ދިޔަ އަހަރުގެ މެއި މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 135،614 ފަތުރުވެރިންނެވެ. މެއި މަހުގެ ނިޔަލަށް ދުވާލެއްގެ މައްޗަށް ރާއްޖެއަށް 6100 ފަތުރުވެރިން ޒިޔާރަތްކުރި ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ހާމަކޮށްފައިވެސް ވެއެވެ.
މިދިޔަ މަހު އައި ފަތުރުވެރިންގެ އަދަދު އިތުރުވި ނަމަވެސް އަހަރުގެ މިހާތަނަށް އައި ޖުމްލަ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ ފުރަތަމަ ފަސް މަހާ އަޅާބަލާއިރު ވަނީ ދަށަށް ގޮސްފައެވެ.
އެގޮތުން މިދިޔަ އަހަރު ރާއްޖެއަށް ފުރަތަމަ ފަސް މަހު 966،358 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ. މިއަހަރު ފުރަތަމަ ފަސް މަހު ޒިޔާރަތް ކޮށްފައި ވަނީ 921،115 ޓޫރިސްޓުންނެވެ. މިއީ 4.7 ޕަސެންޓްގެ ދަށްވުމެކެވެ.
ރާއްޖެ އައި ފަތުރުވެރިންގެ އަދަދު، މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން ދަށަށް ދިޔައިރު، އެޕްރީލް މަހު ރާއްޖެ އައި ފަތުރުވެރިން ނިސްބަތުން އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 25.5 އިންސައްތައިން ދަށްވެފައިވެއެވެ. އަދި މާރިޗު މަހު މިއަދަދު 20.7 އިންސައްތައިން ދަށްވެފައިވެއެވެ.
ސަރުކާރުން ވަނީ މިކަން ހައްލު ކުރުމަށް ރާއްޖެއަށް އެހެން މަންޒިލްތަކުން ފަތުރުވެރިން ގެނައުމަށް މަސައްކަތް ފަށާފައެވެ.

