ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ “ފަހި ފުރުޞަތު” ޖޮބް ފެސްޓިވަލް، ގިނަ އަދަދެއްގެ އަގުހުރި އިނާމުތަކާއެކު މިއަހަރުވެސް ތިނަދޫ ކެމްޕަހުގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަކަމަށް އެ ކެމްޕަހުން ބުނެފިއެވެ. މާލެއާއި އަތޮޅުތަކުގެ ކެމްޕަސްތަކުގައި ޖޫން 3 އިން 5 އަށް ކުރިއަށްދާ މި ފެސްޓިވަލް، ތިނަދޫ ކެމްޕަހުގައި ކުރިއަށްދާނީ ޖޫން 4 އަދި 5 ވާ ބުރާސްފަތި އަދި ހުކުރު ދުވަހުއެވެ. އެމް.އެން.ޔޫ އިން ދަސްވެނިވާ ދަރިވަރުންނަށާއި، ސްކޫލްތަކުގެ ދަރިވަރުންގެ އިތުރުން އާންމުންނަށްވެސް ހުޅުވާލައިގެން ބާއްވާ މި ފެސްޓިވަލްގެ ހަރަކާތްތައް ކުރިއަށްދާނީ އެ ދެ ދުވަހުގެ ހަވީރު 04:00 އިން 06:00 އަށް އަދި ރޭގަނޑު 08:00 އިން 10:00 އަށް، ތިނަދޫ ކެމްޕަހުގެ ހޯލުގައެވެ. މި ފެސްޓިވަލްގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގު ކަމަށާއި އަދި ބޭންކް އިން ޕާޓްނަރަކީ ބޭންކް އޮފް މޯލްޑިވްސް ގެ އިތުރުން މޯލްޑްސް އިސްލާމިކް ބޭންކް ކަމުގައި ތިނަދޫ ކެމްޕަހުން ހާމަކުރެއެވެ.
ފެސްޓިވަލްގެ މަޤްޞަދު:
އެމް.އެން.ޔޫ އިން ހާމަކުރި ގޮތުގައި މި ޖޮބް ފެސްޓިވަލް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ވަޒީފާގެ ފުރުޞަތުތަކާއި، އާމްދަނީ އާއި މަސައްކަތުގެ ތަޖުރިބާ ހޯދޭނެ މަގުތައް އާންމުންނަށް ދައްކާލުމެވެ. އަދި އާންމުންނާ ހަމައަށް ފޯރުކޮށްދެވިފައި ނުވާ ތަފާތު ދާއިރާތަކުގެ ފުރުޞަތުތަކާއި ބްރޭންޑްތައް އެއް ފުރާޅެއްގެ ދަށުން ބައްދަލުކޮށްލެވޭނެ މާޙައުލެއް އުފެއްދުމެވެ.
ބައިވެރިވާ މުއައްސަސާތަކާއި ކުންފުނިތައް:
ތިނަދޫ ކެމްޕަހުގައި ބާއްވާ މި ފެސްޓިވަލްގައި ތަފާތު އެކި ދާއިރާތަކުން ޖުމްލަ 13 މުއައްސަސާއަކުން ބައިވެރިވެ، އެ ފަރާތްތަކުގެ ޚިދުމަތްތަކާއި ވަޒީފާގެ ފުރުޞަތުތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް އާއި، މޯލްޑިވްސް އިސްލާމިކް ބޭންކް އާއި، ދިރާގުގެ އިތުރުން ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލާއި ތިނަދޫ ސިޓީ ކައުންސިލް މި ފެސްޓިވަލުގައި ބައިވެރިވެއެވެ. މީގެ އިތުރުން އެމް.އެން.ޑީ.އެފް ، ވެމްކޯ ، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ، ބިޒްނަސް ސެންޓާ ކޯޕަރޭޝަން ، ވައިޓަލް ކެއަރ ހުވަދޫ، ނޭޝަނަލް ކެރިއަރ ސަރވިސަސް، ވީޓް ޖަމްއިއްޔާ އަދި އެމް.އެން.ޔޫ ގެ ސްޓޯލްތައްވެސް މި އިވެންޓުން ފެނިގެންދާނެއެވެ. މި މުއައްސަސާތަކުގެ އިތުރުން، ފެސްޓިވަލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން ރަށުގެ ތަފާތު އާންމު ކާނާ ވިޔަފާރިތަކުގެ ސްޓޯލްތަކުން ކާބޯތަކެތީގެ ޚިދުމަތްތައްވެސް ލިބިގެންދާނެއެވެ.
ޚާއްޞަ އިތުރު ޚިދުމަތްތަކެއްގެ ގޮތުން، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް އެހީތެރިވުމަށްޓަކައި ވަގުތުން ސީވީ ތައްޔާރުކޮށްދޭ “ސީވީ ކްލިނިކް” އާއި، އިންޓަވިއުތަކަށް ތައްޔާރުވުމުގެ ތަޖުރިބާ ފޯރުކޮށްދޭ “މޮކް އިންޓަވިއު” ސްޓޯލެއްވެސް މި ހަރަކާތުގެ ތެރޭގައި ކުރިއަށްދާނެއެވެ. މިއީ ވަޒީފާގެ މައިދާނަށް އަލަށް ނުކުންނަ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖުރިބާ އިތުރުކުރަން ބޭނުންވާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޭނުންތެރި، ރަނުގެ ފުރުޞަތެކެވެ.
އަގުހުރި ތަފާތު އިނާމުތަކެއް!
މި ފެސްޓިވަލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ ގުރުއަތުން ހޮވޭ ނަސީބުވެރިންނަށް ބޮޑެތި އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި އިވެންޓްގެ ޑިޖިޓަލް ޕާޓްނަރު ކަމަށްވާ ދިރާގުގެ އިތުރުން ބީ.އެމް.އެލް، އެމް.އައި.ބީ، ހަތާ މޯލްޑިވްސް، ޑެލިޝް، ވޯޓަރ ޑެކް، ރަގޫ، ގޯސިޔާ އަދި ވައިޓަލް ކެއަރގެ ފަރާތުން ހުށަހަޅާ އަގުހުރި ގިނަ އިނާމުތަކެއް ނަސީބުވެރިންނަށް ލިބިގެންދާނެއެވެ. ފެސްޓިވަލް ކުރިއަށްދާ ކޮންމެ ސެޝަނެއްގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ފަރާތްތަކުގެ އިތުރުން، މުޅި ފެސްޓިވަލް އެއްކޮށް ނިމުމުން ހޮވޭ ނަސީބުވެރިންނަށްވެސް ބޮޑެތި އަގުހުރި އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، ވަޒީފާގެ ފުރުޞަތުތައް ހޯދުމަށާއި، ވަޒީފާތަކާ ބެހޭ މައުލޫމާތު ސާފުކުރުމުގެ މި ރަން ފުރުޞަތުގައި ތިނަދޫގެ ލޮބުވެތި ރައްޔިތުންނާއި ދަރިވަރުން ބައިވެރިވުމަކީ އެމް.އެން.ޔޫ ތިނަދޫ ކެމްޕަހުގެ ވަރަށް ބޮޑު އެދުމެކެވެ.

