މިއަހަރުގެ ހައްޖުގެ މާތް އަޅުކަން އަދާކުރުމަށްފަހު، ދިވެހި ހައްޖުވެރިން އެނބުރި ރާއްޖެ އަންނަން ފަށާނީ އަންނަ ހުކުރު ދުވަހުން ފެށިގެން ކަމަށް ހައްޖު މިޝަނުން ހާމަކޮށްފިއެވެ. ހައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ހަތަރު ދުވަހަކަށް ބަހާލައިގެންނެވެ.
ހައްޖު މިޝަނުން މައުލޫމާތު ދީފައިވާ ގޮތުގައި، ހައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މޯލްޑިވިއަން އަދި ސައުދީ އެއާލައިންގެ ފްލައިޓްތަކުގައެވެ. އެގޮތުން އަންނަ ހުކުރު، އާދިއްތަ، ހޯމަ އަދި އަންގާރަ ދުވަހު ހައްޖުވެރިން ރާއްޖެ އައުމަށް ވަނީ ތާވަލުކުރެވިފައެވެ.
ހައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވާ ފުރަތަމަ ފްލައިޓަކީ 05 ޖޫން 2026 ވާ ހުކުރު ދުވަހު ސައުދީ އެއާލައިނުން އަންނަ ފްލައިޓެވެ. މި ފްލައިޓް މަދީނާ ގަޑިން 03:15 ގައި ފުރައިގެން ރާއްޖެއަށް ޖައްސާނީ މާލެ ގަޑިން 14:00 ގައެވެ. ދެވަނަ ފްލައިޓް 07 ޖޫން ވާ އާދިއްތަ ދުވަހު މޯލްޑިވިއަން އިން އައުމަށް ހަމަޖެހިފައިވާއިރު، އެ ފްލައިޓް މާލެއަށް ޖައްސާނީ 17:40 ގައެވެ.
ތިންވަނަ ފްލައިޓް 08 ޖޫން ވާ ހޯމަ ދުވަހު ސައުދީ އެއާލައިނުން އައުމަށް ހަމަޖެހިފައިވާއިރު، މި ފްލައިޓް މާލެއަށް ޖައްސާނީ 14:00 ގައެވެ. އަދި އެންމެ ފަހު ފްލައިޓް 09 ޖޫން ވާ އަންގާރަ ދުވަހު މޯލްޑިވިއަން އިން އައުމަށް ހަމަޖެހިފައިވާއިރު، އެ ފްލައިޓް މާލެއަށް ޖައްސާނީ އެ ރޭގެ 00:01 ގައެވެ.
މިއަހަރު ރާއްޖެއިން ޖުމްލަ 1,019 މީހުން ހައްޖުގެ އަޅުކަމުގައި ބައިވެރިވެފައިވެއެވެ. މި ހުރިހާ ހައްޖުވެރިންވެސް ސައުދި އަރަބިއްޔާއަށް ގޮސްފައިވަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ.

