ދިވެހި ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރެއްވި އަދި ރިޔާސީ ގަނޑުވަރު، މުލިއާގޭގެ ޚިދުމަތްތެރިޔާ މ. ފަތްކޯނި، އިބްރާހީމް ޙަލީމް (ދޮންނަ) ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފިއެވެ. އިބްރާހީމް ޙަލީމް ނިޔާވީ އުމުރުން 76 އަހަރުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި، މަރްޙޫމް އިބްރާހީމް ޙަލީމަކީ ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމުވެސް ޙާޞިލުކުރައްވާފައިވާ ބޭފުޅެއްކަން ފާހަގަކުރައްވައި، އޭނާގެ ވަކިވެދިއުމުގެ ހިތާމައިގައި ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.
އިބްރާހީމް ޙަލީމްގެ ޚިދުމަތުގެ ވަނަވަރަށް ބަލާއިރު، އޭނާ ވަނީ ބައި ގަރުނަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް އިޚުލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، މި ޚިދުމަތުގެ ބޮޑު ބައެއް ޙަލީމް ހޭދަކުރެއްވީ މުލިއާގޭގައެވެ. އެގޮތުން ރާއްޖޭގެ އިސްކޮށް ތިއްބެވި ކުރީގެ 6 ރައީސުންގެ އަރިހުގައި، ނުހަނު ކަމޭހިތުމާއި ފަރުވާތެރިކަމާއެކު އޭނާ މަސައްކަތް ކުރެއްވިކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ މަރްޙޫމްގެ ފުރާނައަށް ހެޔޮ ދުޢާ ކުރައްވަމުންނެވެ. "މާތްﷲގެ ތަނަވަސް ރަޙްމަތުގައި ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް ލަހައްޓަވާށި. އާމީން،" ރައީސްގެ މެސެޖުގައިވެއެވެ.
އިބްރާހީމް ޙަލީމްގެ ކަށުނަމާދާއި ޖަނާޒާގެ ކަންތައްތައް ކުރިއަށްދާނީ މިރޭ 11:00 ގައި އާސަހަރާ މިސްކިތުގައެވެ.

