ތިނަދޫ ސިޓީގައި ކުޑަކުދިންނަށާ ފުރާ ޢުމުރުގެ ކުދިންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ނަމާދު ޕްރޮގްރާމްގައި 100 އަށް ވުރެ ގިނަ ކުދިން މިހާތަނަށް ބައިވެރިވެއްޖެއެވެ.
3 ޖަމްޢިއްޔާ އަޑާއި ތިނަދޫސިޓީ ކައުންސިލް ގުޅިގެން "ނަމާދެވެ. ނަމާދެވެ." ނަމުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމާ ގުޅޭ ގޮތުން މި ޕްރޮގްރާމް ކޯޑިނޭޓް ކުރާ "އަރުތަ" ޖަމްޢިއްޔާގެ ނައިބު ރައީސް އަޙްމަދު އަންވަރު ވިދާޅުވީ، މިހާތަނަށް 100 އަށްވުރެ ގިނަ ކުދިން މި ޕްރޮގްރާމްގައި ބައިވެރިވެފައިވާ ކަމަށާއި މިއީ ދަރިންގެ ދީނީ ތަރުބިއްޔަތަށް ބެލެނިވެރިން ދޭ އަހައްމިއްޔަތު ހާމަކޮށްދޭ، ވަރަށް އުންމީދީ އަދި ހިތްވަރުގަދަ އިޖާބައެއް ކަމަށެވެ.
ތިނަދޫ ސިޓީ ކައުންސިލް ގެ އިތުރުންއަރުތަ ޖަމްޢިއްޔާ، ވީޓް ޖަމްޢިއްޔާ އަދި ކޮމިއުނިޓީ ގާޑަން އިން ކުރިއަށް ގެންދާ "ނަމާދެވެ. ނަމާދެވެ." ޕްރޮގްރަމް މި މަހުގެ 11 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އިރު މި ޕްރޮގްރާމަކީ 6 އަހަރާއި 16 އަހަރާ ދެމެދު ކުދިންނަށް
2 ހަފުތާ ގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ކުޑަކުދިންގެ ހިތްތަކުގައި ނަމާދަށް ލޯބިޖެއްސުމާއި ނަމާދުގެ މުހިންމުކަން އުނގަންނައިދިނުމާއި މާތް ނަބިއްޔާ ﷺ ގެ ސުންނަތާ އެއްގޮތަށް، ޞައްޙަ ގޮތުގައި ނަމާދުކުރަން ޢަމަލީ ގޮތުން ދަސްކޮށްދިނުމުގެ އިތުރުން ޅަފަތުގެ ބަހާރުގައި ދަރިންގެ ހިތްތަކުގައި ނަމާދަށް ޚާއްޞަ ލޯތްބެއް އުފެއްދުމެވެ.
"މި ދަރުމަވެރި ޕްރޮގްރާމަކީ ތިނަދޫސިޓީގެ ކުރިމަގަށްޓަކައި ގުޅިގެން ކުރިއަށްގެންދާ ވަރަށް މުހިންމު މަސައްކަތެއް. އަޅުގަނޑުމެން ކޮންމެ މީހެއްގެވެސް އެންމެ ބޮޑު އުއްމީދަކީ ނަރަކައިގެ ޢަޒާބުން ސަލާމަތްވެ، ސުވަރުގޭގެ ދާއިމީ ނިޢުމަތް ލިބުން. އަދި އަޅުގަނޑުމެންގެ ދަރިން ނަރަކައިން ސަލާމަތްކުރެވެން އޮތް އެންމެ ފުރަތަމަ އަދި އެންމެ މުހިންމު ތަޅުދަނޑިއަކީ ނަމާދު. ނަމާދަކީ ދީނުގެ ތަނބު. ޤިޔާމަތް ދުވަހުން އެންމެ ފުރަތަމަ ޙިސާބު ބެއްލެވޭ ޢަމަލަކީ ނަމާދު. އެހެންކަމުން، ތުއްތުއިރުއްސުރެ ނަމާދަށް އަހުލުވެރިކުރުވުމަކީ ދަރިން ނަރަކައިން ސަލާމަތްކުރުމަށްޓަކައި އަޅުގަނޑުމެންނަށް އެޅޭނެ އެންމެ ވަރުގަދަ ފިޔަވަޅު،" – އަޙްމަދު އަންވަރު
އަންވަރު ވިދާޅުވީ މުޖުތަމަޢުގެ ބަދަހިކަމާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ޖަމްޢިއްޔާތަކުން ގުޅިގެން މަސައްކަތް ކުރުމަކީ ކުރިމަގަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
މި ޕްރޮގްރާމް ފެށުމުގެ ތައްޔާރީތައް ތިނަދޫގައި މިހާރު ދަނީ ވަރަށް ހަލުވިކަމާއެކު ކުރެވެމުންނެވެ. ތިނަދޫސިޓީގެ ގިނަ ކުދިން މި ޕްރޮގްރާމްގައި ބައިވެރިވުމަކީ، އިސްލާމީ ތަރުބިއްޔަތުގެ މަތީގައި ދަރިން ބޮޑުކުރުމަށް ބެލެނިވެރިން ދެއްވާ ޚާއްޞަ ސަމާލުކަން ހާމަކޮށްދޭ ދަލީލެެއް ކަމުގައި ސިޓި ކައުންސިލާއި ޖަމްޢިއްޔާ ތަކުން ހާމަ ކުރެއެވެ.

