އާސަންދަ ނިޒާމުގެ ތެރޭގައި ހިމެނޭ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ސިސްޓަމް ވަރަށް އަވަހަށް ޑިޖިޓަލައިޒްކޮށް ނިމޭނެ ކަމަށާ އެއާއއެކު ރައްޔިތުންނަށް ފޯރުކޮށްދެވޭ ހިދުމަތްތަކުގެ ސްޕީޑު ބޮޑުތަނުން އަވަސްވާނެ ކަމަށް އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓާރ އައިމިނަތު ޒީނިޔާ ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިޔާ، “ޕީއެސްއެމް”ގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި، އަންގާރަ ދުވަހުގެރޭ ވާހަކަ ދައްކަވަމުން ޒީނިޔާ ވިދާޅުވީ، އާސަންދައިގެ ޚިދުމަތް ލަސްވާ މައިގަނޑު ސަބަބަކީ މެނުއަލްކޮށް ކުރަންޖެހޭ މަސައްކަތް ގިނަވުމުން ކަމަށާ ފޯމު ގެންގުޅުން ނުވަތަ މެނުއަލް ރަޖިސްޓަރ ގެންގުޅުން އެއީ މުވައްޒަފުންގެ ގިނަ ވަގުތުތަކެއް އެކަމަކަށް ހޭދަވާ މަސައްކަތްތަކެއް ކަމަށެވެ.
އެހެންކަމުން މިހާރު އާސަންދައިގެ ނިޒަމު ޑިޖިޓަލައިޒު ކުރުމުގެ މަސައްކަތްކުރިއަށްދާއިރު، އެ ސިސްޓަމް އެއްކޮށް ޑިޖިޓަލައިޒްކޮށް ނިމިގެންދިއުމުން، އުއްމީދަކީ ޚިދުމަތްތައް ވަރަށް ބޮޑުތަނުން އަވަސްވެގެންދިއުން ކަމަށް ވެސް ޒީނިޔާ ވިދާޅުވެފައިވެއެވެ.
ޒީނިޔާ މިފަދައިން ވިދާޅުވެފައިވާއިރު، އާސަންދައިގެ ދަށުން ފޯރުކޮށްދޭ ބޭސްފަރުވާގެ އެހީގެ ޚިދުމަތް ހަރުދަނާކުރުމަށްޓަކައި ސަރުކާރުން ގެންދަނީ، އެ ނިޒާމަށް ބަދަލުތައް ގެންނަމުންނެވެ. ހަމައެއާއެކު މިއީ ޒިންމާދާރުކަމާއެކު، ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން ނާޖައިޒް މަންފާ ނުނެގޭނެ ފަދަ ގޮތަކަށް ދެވޭ ޚިދުމަތަކަށް ހެދުމަށްވެސް ސަރުކާރުން ނުހަނު އިސްކަމެއް ދެއްވައެވެ.

