އދ. ގެ އާންމު މަޖިލީހުގެ އިޤްތިސާދީ އަދި މާލީ ކޮމިޓީ (ސެކަންޑް ކޮމިޓީ)ގެ ނައިބު މުޤައްރިރުގެ މަގާމު ދިވެހިރާއްޖެއަށް ލިބިއްޖެއެވެ.
ރާއްޖެއަށް މި މަގާމު ލިބުނީ، އެމެރިކާގެ ނިއުޔޯކްގައި ހުންނަ އދ. ގެ މައި މަރުކަޒުގައި ބޭއްވި އިންތިޚާބުގައި ނެގި ވޯޓުންނެވެ. ރާއްޖެ މި މަގާމަށް އިންތިހާބު ވެފައިވަނީ އާންމު މަޖިލީހުގެ ހުރިހާ މެންބަރު ޤައުމުތަކުގެ އިއްތިފާގުންނެވެ.
2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން 2027 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގައި، ރާއްޖެއިން މި މަގާމުތައް ޒިންމާތަކާ މަސްއޫލިއްޔަތުތަކާ ހަވާލުވެ ކުރިއަށް ގެންދާނެއެވެ. ރާއްޖެއިން އިސް ނަގައިގެން މި މުައްދަތުގެ ތެރޭގައި ކޮމިޓީގެ މަސައްކަތްތައް ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށްޓަކައި، ކޮމިޓީގެ މުގައްރިރާއި ބިއުރޯގެ އެހެނިހެން މެންބަރުންނާ ގުޅިގެން މަސައްކަތްކުރެވޭނެއެވެ.
މިއީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއިން ގެންގުޅޭ ހަރުދަނާ ހާރިޖީ ސިޔާސަތަށް ދުނިޔޭގެ ގައުމުތަކުން ކުރާ އިތުބާރު ހާމަވެގެންދިޔަ ކަމެއް ކަމަށާ މިއީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ޙާސިލުކުރުމުގެ އިތުރުން ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ މަސްލަހަތު ހިމާޔަތްކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށްވެސް ފޮރިން މިނިސްޓްރީން ފާހަގަކުރައްވާފައިވެއެވެ.
މި ފަދަ ފަހުރެއް ރާއްޖެއަށް ލިބިފައިވާއިރު، ރައީސް މުހައްމަދު މުއިއްޒު ހަރުދަނާ ސިޔާސަތުފުޅުގެ ތެރެއިން ހާރިޖީ ގުޅުންތައް ހަރުދަނާކުރައްވާ ގިނަ ކުރިއެރުންތައް ރާއްޖެއިން ގެންދަނި ހޯދަމުންކަން ފާހަގަކޮށްލެވެއެވެ.

