އއ. ފެރިދޫގައި އަލަށް ގާއިމުކުރި ފުލުހުންގެ އިމާރާތް “ފެރިދޫ ޕޮލިސް ސްޓޭޝަން” އިއްޔެ ރަސްމީކޮށް ހުޅުވައިފިއެވެ. މި ސްޓޭޝަން ހުޅުވުމަށް އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އިމާރާތް ހުޅުއްވައިދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނާއި ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދެވެ.
މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންގެ އިތުރުން، ފެރިދޫ ކައުންސިލުގެ ރައީސް އަންވަރު ސާދާތާއި ކައުންސިލް މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެމްޓީސީސީގެ މުވައްޒަފުންނާއި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވެސް މި ހަފްލާގައި ބައިވެރިވިއެވެ.
ރަސްމިއްޔާތުގެ ތެރެއިން ގައުމީ ދިދަ ނަންގަވައިދެއްވީ މިނިސްޓަރު އަލީ އިހުސާނެވެ. ފުލުހުންގެ ދިދަ ނަންގަވައިދެއްވީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދެވެ. މީގެ އިތުރުން، ޕޮލިސް ސްޓޭޝަން ގާއިމުކުރުމުގައި އެމްޓީސީސީ އާއި ފެރިދޫ ކައުންސިލުން ވެދެއްވި އެހީތެރިކަން ފާހަގަކޮށް، އެ ފަރާތްތަކަށް ހަނދާނީ ލިޔުން ވެސް އަރުވާފައިވެއެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫއުގެ ދަށުން ބިނާކުރި އިމާރާތުގައި އިދާރީ މަސައްކަތްތަކަށް ހާއްސަ ބަޔަކާއި، މުވައްޒަފުން ދިރިއުޅުމަށް އެކޮމޮޑޭޝަން ބްލޮކެއް ހިމެނެއެވެ. މި އިމާރާތުގެ ބިންގާ އަޅާފައިވަނީ އޮގަސްޓް 15، 2025 ގައެވެ. ސްޓޭޝަން ހުޅުވުމަށްފަހު، އެ ތަނުގެ ގޯތިތެރޭގައި ގަސް އިންދުމުގެ ހަރަކާތެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި ސްޓޭޝަނަކީ ފުލުހުންގެ ހިދުމަތް ފޯރުކޮށްދޭ ތަންތަނަކީ ފުލުހުންގެ އަމިއްލަ އިމާރާތްތަކަކަށް ހެދުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ބިނާކުރެވުނު ތަނެކެވެ. މީގެ ސަބަބުން ރަށުގެ އަމާންކަން ބެލެހެއްޓުމަށާއި ފުލުހުންގެ ހިދުމަތް އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެއެވެ.

