ރައްޔިތުންގެ ލުއި ފަސޭހައަށް ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ތައާރަފްކުރި ޓެކްސީލައިންގެ އެޕް ލޯންޗްކޮށްފިއެވެ.
ސަރުކާރުގެ ޓެކްސީ ލައިނުގެ ހިދުމަތް ދިނުމަށް އެމްޓީސީސީން އުފެއްދި އެޕްލިކޭޝަން ލޯންޗުކޮށް، މިހާރު އާ ޓެކްސީ އެޕްލިކޭޝަން އެޕަލްގެ އެޕް ސްޓޯރުން ޑައުންލޯޑު ކުރެވޭނެއެވެ.
އެންޑްރޮއިޑް ފޯނު ބޭނުންކުރާ މީހުންނަށް ގޫގްލް ޕްލޭ މެދުވެރިކޮށް ވަރަށް އަވަހަށް ޑައުންލޯޑު ކުރެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ވެސް އެމްޓީސީސީއިން ވަނީ ބުނެފައެވެ. އެހެންކަމުން މި މުއްދަތުގައި އެންޑްރޮއިޑް ފޯނު ބޭނުންކުރާ މީހުންނަށް ޓެކްސީ ބުކް ކުރެވޭނީ އެމްޓީއެލް ވެބްއެޕް އާއި ހޮޓްލައިން ނަންބަރު 1655 މެދުވެރިކޮށެވެ.
ޓެކްސީލައިން އެޕްލިކޭޝަންގައި ފައިސާ ދެއްކޭނެ ތިން އިޚުތިޔާރެއް ފަހިކޮށް ދީފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ:
-
އެޕްލިކޭޝަންގައި ހިމެނޭ ‘އިން – އެޕް ވޮލެޓު’ – ބޭންކް އެކައުންޓަކުން މި ވޮލެޓަށް ފައިސާ ޖަމާކުރުމަށްފަހު ޓެކްސީ ހިދުމަތް ހޯދަން ބޭނުން ކުރެވޭނެ
-
ކާޑު – ކާޑުން ފައިސާ ދައްކާ ނަމަ، ދަތުރު ފެށުމުގެ ކުރިން ފައިސާ ދައްކަންޖެހޭ
-
ސްކޭން ޓު ޕޭ – ދަތުރު ނިންމާލުމަށްފަހު ފައިސާ ދެއްކުމުގެ އިހުތިޔާރު ލިބެނީ މި އޮޕްޝަނުން
މި އެޕްގެ އިތުރު ފީޗާތަކުގެ ތެރޭގައި، ގިނަވެގެން 3 ގަޑިއިރު ކުރިން، ޓެކްސީއެއް ބުކް ކުރުން، ދަތުރުމަތީގައި އެއްވެސް ނުރައްކަލެއް އިހުސާސްވާ ނަމަ އެކަން އަންގަން ބޭނުންކުރެވޭ އެސްއޯއެސް އެމަޖެންސީ ފީޗާ، މެސެޖު ނުވަތަ ގުޅައިގެން ޑްރައިވަރާ މުއަމާލާތު ކުރުން، ދަތުރު ނިމުމުން ކަސްޓަމަރުންގެ ހިޔާލު ހިއްސާކުރުން އަދި ކުރިން ކޮށްފައިވާ ދަތުރުތަކާއި ޝެޑިއުލް ކުރާ ދަތުރުތައް ބަލައިލުން ފަދަ، ޓެކްސީ އެޕްލިކޭޝަންތަކުން އާންމުކޮށް ފެންނަ ފީޗާތައް ހިމެނެ އެވެ.
ޓެކްސީގެ ހިދުމަތަކީ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތަކަށް ވާއިރު، ސަރުކާރުގެ ބޭނުމަކީ އިތުބާރު ހުރި އަދި ފެންވަރު ރަނގަޅު ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށް ވަޒީރު މުހައްމަދު ސައީދު މީގެ ކުރިން ވިދާޅުވެފައިވެއެވެ.
އެމްޓީސީސީން މި ދާއިރާއަށް ނުކުތީ ވަކި މިންގަނޑުތަކެއް ހިފަހައްޓައި، މި ހިދުމަތް ދިނުމުގައި ނަމޫނާ ދެއްކުމަށް ކަމަށްވެސް މިނިސްޓަރު އޭރު ފާހަގަކުރެއްވިއެވެ.

