1447 ވަނަ އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ދިޔަ ހައްޖާޖީން އެނބުރި ގައުމަށް އަންނައިރު އެއާޕޯޓު ތެރެ ތޮއްޖެހި ބާރުބޮޑުވެދާނެތީ އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.
އެއާޕޯޓު ހިންނާ ކުންފުނި، އެމްއޭސީއެލުން މީސްމީޑިޔާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މިއަހަރުގެ ޙައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށްފަހު ޙައްޖާޖީން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވާ ދުވަސްތަކުގައި ގިނަ އަދަދެއްގެ ދަތުރުވެރިންނާއި ހައްޖާޖީން އަދި އެ ހައްޖާޖީން ބަލައި ގިނަ ބަޔަކު އެއާޕޯޓަށް އަންނާނެ ކަމަށް ލަފާކުރެވޭކަމަށެވެ.
އެހެންކަމުން އެ ދުވަސްތަކުގައި އެކި ތަންތަނަށް ދަތުރުކުރާ ފަރާތްތަކުން އެކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ވަގުތު އޮއްވާ ދަތުރަށް ވަޑައިގަތުމަށް އިލްތިމާސްކޮށްފަވެއެވެ.
މީގެ އިތުރުން ހައްޖާޖީން އެނބުރި އަންނަ ދުވަސްތަކުގައި މީހުން އެއާޕޯޓަށް ޖަމާވާނެއިރު އޭގެ ސަބަބުން އެ އެއާޕޯޓުގެ ޕާކިންގެ އިތުރުން އެއާޕޯޓުގެ ޓްރެފިކަށްވެސް އެ ދުވަސްތަކުގައި ބަރަށް ބާރުބޮޑުވާނެކަމަށް ލަފާކުރެވޭތީ، އެ ދުވަސްތަކުގައި އެއާޕޯޓަށް ވަޑައިގަންނަވާ ފަރާތްތަކުން ފެރީ ނުވަތަ އެއަރޕޯޓުގެ ބަސް ބޭނުންކުރެއްވުމަށް ވެސް އެމްއޭސީއެލްއިން ވަނީ އިރުޝާދުދީ އިލްތިމާސްކޮށްފައެވެ.
ޙައްޖުގެ އަޅުކަން އަދާކުރުމަށްފަހު ޙައްޖާޖީން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 5،7،8، އަދި 9ވަނަ ދުވަހުއެވެ. ހަތަރު ފްލައިޓަކުން ހައްޖާޖީން އައުމަށް ހަަމަޖެހިފައިވެއެވެ. ސައުދިއާ އެއަރލައިންސްގެ 2 ފްލައިޓާއި މޯލްޑިވިއަންގެ 2 ފްލައިޓު އޭގެ ތެރޭގައި ހިމެނެއެވެ.
ހައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވާ ފުރަތަމަ ފްލައިޓަކީ 05 ޖޫން 2026 ވާ ހުކުރު ދުވަހު ސައުދީ އެއާލައިނުން އަންނަ ފްލައިޓެވެ. މި ފްލައިޓް މަދީނާ ގަޑިން 03:15 ގައި ފުރައިގެން ރާއްޖެއަށް ޖައްސާނީ މާލެ ގަޑިން 14:00 ގައެވެ. ދެވަނަ ފްލައިޓް 07 ޖޫން ވާ އާދިއްތަ ދުވަހު މޯލްޑިވިއަން އިން އައުމަށް ހަމަޖެހިފައިވާއިރު، އެ ފްލައިޓް މާލެއަށް ޖައްސާނީ 17:40 ގައެވެ.
ތިންވަނަ ފްލައިޓް 08 ޖޫން ވާ ހޯމަ ދުވަހު ސައުދީ އެއާލައިނުން އައުމަށް ހަމަޖެހިފައިވާއިރު، މި ފްލައިޓް މާލެއަށް ޖައްސާނީ 14:00 ގައެވެ. އަދި އެންމެ ފަހު ފްލައިޓް 09 ޖޫން ވާ އަންގާރަ ދުވަހު މޯލްޑިވިއަން އިން އައުމަށް ހަމަޖެހިފައިވާއިރު، އެ ފްލައިޓް މާލެއަށް ޖައްސާނީ އެ ރޭގެ 00:01 ގައެވެ.
މިއަހަރު ރާއްޖެއިން ޖުމްލަ 1,019 މީހުން ހައްޖުގެ އަޅުކަމުގައި ބައިވެރިވެފައިވެއެވެ. މި ހުރިހާ ހައްޖުވެރިންވެސް ސައުދި އަރަބިއްޔާއަށް ގޮސްފައިވަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ.
މި އަހަރު ރާއްޖެއިން 1،019 ހައްޖާޖީން ހައްޖުކަމުގައި ބައިވެރިވެފައިވެއެވެ.

