ދުނިޔޭގެ ކްރެޑިޓް ރޭޓިން އެޖެންސީއެއް ކަމަށްވާ ފިޗް ރޭޓިންސްއިން ރާއްޖޭގެ ރޭޓިން މަތިކުރުމަށް ނިންމި ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ އަދި ޒިންމާދާރު ސިޔާސަތުތަކުގެ ފޮނި މޭވާ ކަމަށް އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ކްރެޑިޓް ރޭޓިން “ސީސީ” އިން “ސީސީސީ-” އަށް ބަދަލުވުމާ ގުޅިގެން ވަޒީރު ސައީދު ވިދާޅުވީ، މިއީ ރާއްޖޭގެ އިގުތިސާދީ މިސްރާބާމެދު ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ އިތުބާރު އާވަމުންދާކަމުގެ ވަރުގަދަ ހެއްކެއް ކަމަށެވެ. އަދި މިއީ ގައުމަށް ދަތި އުދަގޫ މާލީ ހާލަތެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި ސަރުކާރުން އިސްކުރި ހިންގުންތެރިކަމުގެ ނަތީޖާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މާލީ އިސްލާހުތައް ގެނައުމުގައާއި މެކްރޯއިކޮނޮމިކް ހަމަޖެހުން ގާއިމުކުރުމުގައި ރައީސް ޑރ. މުޢިއްޒު ދައްކަވަނީ ދެގޮތެއްނުވާ ވަރުގަދަ ލީޑަޝިޕެއް ކަމަށެވެ. މި ބަދަލަކީ ރާއްޖޭގެ އިގުތިސާދީ ވިލުންތެރިކަން އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ބައިނަލްއަގުވާމީ މައިދާނުގައި ބަލައިގަނެފައިވާކަމުގެ ރަމްޒެއް ކަމަށްވެސް ސައީދު ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒަށް މަރުހަބާ ދަންނަވަމުން ވަޒީރު ވިދާޅުވީ، ވޭތުވެދިޔަ އެމްޑީޕީ ސަރުކާރުން ވާރުތަވި ބޮޑު ދަރަންޏާއި މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް ރައީސް ކުރެއްވި ހިތްވަރުގަދަ މަސައްކަތްޕުޅަށް ތައުރީފު ހައްގުވާ ކަމަށެވެ. ޚާއްސަކޮށް، ދެމެހެއްޓެނެވި މިންގަނޑުން ބޭރުވެފައި އޮތް ދަރަނީގެ މައްސަލަ ހައްލުކުރުމަށް އެމަނިކުފާނު ގެންގުޅުއްވި ކެތްތެރިކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ފިޗްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މިދިޔަ އޭޕްރީލް މަހު ދައްކަންޖެހުނު 524 މިލިއަން ޑޮލަރުގެ ސުކޫކު ޕޭމެންޓް ރާއްޖެއިން ކާމިޔާބުކަމާއެކު އަދާކުރުމަކީ، ކުރު ރާސްތާގައި ދަރަނި ނުދެއްކިދާނެ ކަމަށް އޮތް ބިރުވެރިކަން ކުޑަވެގެންދިޔަ ސަބަބެކެވެ. މީގެ އިތުރުން، ސަރުކާރުގެ އިސްލާހީ ފިޔަވަޅުތަކާއެކު ބޭރު ފައިސާގެ ރިޒާވްއާއި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު ވަރުގަދަ ކުރުމުގެ ފުރުސަތު މިހާރު ފަހިވެފައިވާކަން އެ އެޖެންސީން ވަނީ ފާހަގަކޮށްފައެވެ.

