ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގައި ތިންވަނަ އަށް އެންމެ ކުރީގައި އޮތް އިނގިރޭސިވިލާތުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 80,000 އަށްވުރެ މައްޗަށް އަރައިފިއެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް އެ ގައުމުން ޖުމްލަ 80,580 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. އެ ގައުމުން 144,931 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ދެވަނައިގައި އޮތް ރަޝިއާއިން ވަނީ 126,712 ފަތުރުވެރިން އައިސްފައެވެ. ތިންވަނައިގައި އިނގިރޭސިވިލާތް އޮތީ 80,580 ފަތުރުވެރިންނާއެކުގައެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 951,222 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 992,225 ފަތުރުވެރިންނާ އަޅާބަލާއިރު 4.1 އިންސައްތައިގެ ދަށްވުމެކެވެ. ނަމަވެސް، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ކުރިމަތިވި ދަތިތަކަށްފަހު ފަތުރުވެރިން އަންނަ މިންވަރު މިހާރު ދަނީ އިތުރުވަމުންނެވެ. އެގޮތުން ނިމިދިޔަ މޭ މަހު އެކަނިވެސް 139,000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ މޭ މަހާ އަޅާބަލާއިރު 3 އިންސައްތައިގެ ކުރިއެރުމެކެވެ.ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރި ގޮތަށް ބަލާއިރު، އެންމެ ގިނަ ބަޔަކު ތިބީ ރިސޯޓުތަކުގައެވެ. އެގޮތުން 6 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރިއިރު، 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ގެސްޓްހައުސްތަކުގައި އަދި 22,659 ފަތުރުވެރިން ހޮޓާތަކުގައި މަޑުކޮށްފައިވެއެވެ.މިހާރު ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 1,284 ތަނެއް ހުޅުވާފައިވާއިރު، މީގެ ތެރޭގައި ރިސޯޓުތަކާއި، ގެސްޓްހައުސްތަކާއި، ހޮޓާތަކާއި ސަފާރީތައް ހިމެނެއެވެ. މި ތަންތަނުގެ ޖުމްލަ އެނދުގެ އަދަދު 67,000 އަށްވުރެ ގިނަކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

