ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކޮށްފައިވާ ހައުސިން ޔުނިޓުތަކުގެ ތެރެއިން، އުސޫލުތަކާ ހިލާފަށް ފްލެޓް ކުއްޔަށް ދޫކުރި ފަރާތެއް ޖޫރިމަނާކޮށް، އިތުރު ތިން ފަރާތަކަށް ލިޔުމުން އިންޒާރު ދީފިއެވެ.
އެފްޑީސީގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެ ކޯޕަރޭޝަނުން ތަރައްގީކޮށްފައިވާ 4،000 ހައުސިން ޔުނިޓުގެ ތެރެއިން ބައެއް ޔުނިޓުތައް އުސޫލުތަކާ ހިލާފަށް ކުއްޔަށް ދޫކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިގޮތުން ފާހަގަވި މައްސަލަތަކާ ގުޅިގެން ނިމިދިޔަ މޭ މަހުގެ ތެރޭގައި އެއް ފަރާތެއް ޖޫރިމަނާކޮށް، ތިން ފަރާތަކަށް ވަނީ ލިޔުމުން އިންޒާރު ދީފައެވެ. މީގެ އިތުރުން، މިފަދަ އިތުރު ދެ މައްސަލައެއް މިހާރުވެސް އެ ކޯޕަރޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.
އެފްޑީސީން ހަނދާންކޮށްދީފައިވާ ގޮތުގައި، އެ ކޯޕަރޭޝަންގެ ހައުސިން ޔުނިޓުތަކަކީ އާއިލާތަކުގެ ދިރިއުޅުމަށް ހާއްސަކޮށް ދޫކުރެވިފައިވާ ތަންތަނެވެ. އެހެންކަމުން، “ވިޔަފާރީގެ އުސޫލުން ބޮޑު އަގުގައި އެ ތަންތަން ކުއްޔަށް ދޫކުރުމަކީ ވެފައިވާ އެއްބަސްވުމާ ކަނޑައެޅިގެން ހިލާފު ކަމެއް” ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.
މީގެ ކުރިންވެސް އެފްޑީސީން ވަނީ މިފަދަ މައްސަލަތަކުގައި ފިޔަވަޅު އަޅާފައެވެ. އެގޮތުން، ލޭބާ ކުއާޓަރު ހަދައި ބިދޭސީންނަށް ކުއްޔަށްދިން މައްސަލައެއްގައި މިދިޔަ ފެބްރުވަރީ މަހު މީހަކު ބައިލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، އެ ފްލެޓުން ބިދޭސީން ވަނީ ނެރެފައެވެ. އަދި ފަހި ޓަވަރަށް ކުނި އެޅި މައްސަލައެއްގައި ދެ މީހަކު 8،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވެއެވެ.
ސަރުކާރުން ބޯހިޔާވެހިކަމަށް ބޭނުންޖެހިފައިވާ ރައްޔިތުންނަށް ތަރައްގީކޮށްފައިވާ ސޯޝަލް ހައުސިން ސްކީމްތަކުގެ ފްލެޓްތައް ލިބޭ ފަރާތްތަކުން، އެ ތަންތަން ބޮޑު އަގުގައި ކުއްޔަށްދޭ މައްސަލައަކީ އާންމުކޮށް ފެންމަތިވާ ބޮޑު މައްސަލައެކެވެ.

