ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހަރުދަނާ ލީޑަރޝިޕަށް، މާލީ ވަޒީރު މޫސާ ޒަމީރު ފަސް ފަށުން ޝުކުރު އަދާކުރައްވައިފިއެވެ.
ވަޒީރުގެ ޝުކުރު ރައީސަށް އަރިސްކުރައްވާފައިވަނީ، ފިޗުން ރާއްޖެގެ ކްރެޑިޓު ރޭޓިން މަތި ކުރުމާ ގުޅިގެން އެކަމަށް އިޝާރާތްކުރައްވަ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ވަޒީރުގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ، ފިޗް ރޭޓިންގްސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކޮށްފައިވަނީ ރާއްޖޭގެ އިޤްތިޞާދީ ހާލަތު ރަނގަޅުވަމުން އަންނަކަން ފާހަގަކޮށް ކަމަށެވެ. މި ކުރިއެރުމަކީ މިދިޔަ އޭޕްރީލް މަހު 500 މިލިއަން ޑޮލަރުގެ ސުކޫކް ކާމިޔާބުކަމާއެކު ދިވެހި ސަރުކާރުން އަނބުރާ ދެއްކުމާ ގުޅިގެން ލިބުނު ކުރިއެރުމެއްކަން ވެސް ފާހަގަކުރައްވާ ވަޒީރު އިތުރަށް ވިދާޅުވެފައިވަނީ، ދައުލަތުގެ މާލީ ނިޒާމު އިޞްލާޙުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވަނީ ވަރަށްވެސް ހަރުދަނާ ސިޔާސަތު ކަމަށާ ހާއްސަކޮށް އެމަނިކުފާނުގެ ލީޑަރޗިޕު އެކި އެކި ކަންކަމުގައި ފާހަގަކުރެއްވޭ ކަމަށެވެ.
އެހެންކަމުން ރައީސް ޑރ. މުއިއްޒުގެ ހަރުދަނާ ލީޑަރޝިޕުގެ ދަށުން ދެއްވާ މުހިއްމު އިރުޝާދުތަކާ ލަފާފުޅަށް ވަޒީރު ވަނީ ފަށް ފަށުން ޝުކުރު އަރިސް ކުރައްވާފައެވެ.
މާލީ ގޮތުން އެޅި އިޞްލާޙީ އެ ފިޔަވަޅުތަކަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށް އެޅުނު މުހިންމު ބިންގަލެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވެފައިވަނީ، ދިވެހި ސަރުކާރުގެ އެންމެ ބޮޑު އިސްކަމަކީ ރާއްޖޭގެ މާލީ އަދި އިޤްތިޞާދީ ހަމަޖެހުން ގާއިމުކޮށް، ދަރަނި އަދާކުރުމުގެ ޤާބިލުކަން ދެމެހެއްޓެނިވި މިންގަނޑަކަށް ގެނައުމެވެ. އަދި އެކަމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ސަރުކާރުން ސާބިތުކަމާއެކު ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ވެސް ވަޒީރު ވަނީ ދެއްވާފައެވެ.
ފިޗްގެ މި ނިންމުމަކީ ބައިނަލްއަޤްވާމީ މާލީ ބާޒާރުގައި ރާއްޖެއަށް އޮތް އިތުބާރު ބޮޑުވެ، އިޤްތިޞާދީ ގޮތުން ރާއްޖެ އޮތް މިސްރާބު ރަގަޅުކަން ހާމަވާ ކަމެކެވެ

