ފިޗްގެ ނިންމުމުން ކަށަވަރުވަނީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މާލީ ސިޔާސަތުގެ ހަރުދަނާ ކަން ކަމަށް ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ހާމަކޮށްފިއެވެ.
އެ ޕާޓީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފިޗް ރޭޓިންގްސްގެ ނިންމުމުން ޔަޤީންވެ ކަށަވަރުވާ ކަމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދިވެހިރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، މާލީ ގޮތުން ދައުލަތް ވެއްޓިފައި އޮތް ފުން އަނދަވަޅުން ގައުމު ސަލާމަތްކުރުމަށް ސަރުކާރުން އަޅުއްވަމުންދާ ފިޔަވަޅުތަކުގެ ހަރުދަނާކަން ކަމަށެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ދުނިޔޭގެ ކްރެޑިޓް ރޭޓިންގް އެޖެންސީއެއް ކަމަށްވާ ފިޗްއިން ރާއްޖޭގެ ރޭޓިންގް “ސީސީ” އިން ސީސީސީ” އަށް މަތިކޮށްފައިވާއިރު، އެއް ދަރަޖައިގެ އެ ކުރިއެރުމަކީ ދުނިޔެއަށް ކުރިމަތިވެފައި އޮތް އިގްތިސޯދީ ނުތަނަވަސްކަމުގެ ތެރޭގައިވެސް، ރާއްޖޭގެ މާލީ ހާލަތާއި ސަރުކާރުގެ މާލީ އަދި އިގްތިސޯދީ ސިޔާސަތުތަކާ މެދު މާލީ އިދާރާތަކާއި އެކުވެރި ދައުލަތްތަކުގެ އިތުބާރު އޮތްކަމުގެ އަލިގަދަ ހެެއްކެއް ކަމަށެވެ.
ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ރާއްޖޭގެ ދަރަނި އޮތީ ރެކޯޑު މިންވަރަކަށް މަތިވެފައިކަން ފާހަގަކޮށް ބަޔާނުގައި ބުނެފައިވަނީ ބޭރުގެ ދަރަނިތައް އަދާނުކުރެވިދާނެ ކަމުގެ ކަންބޮޑުވުން އިންތިހާއަށް ބޮޑުވެ، ކްރެޑިޓް ރޭޓިންގް ދަށްވުމުގެ ސަބަބުން ބޭރުގެ މާލީ ބާޒާރުން ފައިސާ ހޯދުމުގައި ދައުލަތަށް ގިނަގުނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށެވެ.
ނަމަވެސް، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެމަނިކުފާނު އެންމެ އިސްކަމެއް ދެއްވައިގެން ކުރެއްވި މަސައްކަތްޕުޅަކީ ރާއްޖެއާމެދު ބޭރުގެ މާލީ އިދާރާތަކާއި އިންވެސްޓަރުންގެ އިތުބާރު އިއާދަކުރުންކަމަށާ އެގޮތުން ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ތެރޭގައި ބޭރުފައިސާއާ ބެހޭ ގާނޫނެއް ވުޖޫދަށް ގެނެސް، ފަތުރުވެރިކަމުގެ ވިޔަފާރިތަކުން ލިބޭ އާމްދަނީގެ ވަކި މިންވަރެއް ދިވެހި މާލީ ނިޒާމަށް މާރުކުރުން ލާޒިމުކުރުމާއި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަށް އަލުން ބޭރުފައިސާ ޖަމާކުރަން ފެށުން ހިމެނޭ ކަމަށް ޕީއެންސީން ނެެރުނު ބަޔާނުގައިވެއެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މި ސިޔާސަތުތަކުގެ ނަތީޖާ ވަރަށް ހެޔޮ ގޮތުގައި ފެންނަމުންދާ ކަމަށެވެ. އެގޮތުން އޭޕްރީލް މަހު 500 މިލިއަން ޑޮލަރުގެ ސުކޫކު ޕޭމެންޓެއް ދައްކަންޖެހުނުއިރު، ރަސްމީ ރިޒާވްގައި 1.3 ބިލިއަން އެމެރިކާ ޑޮލަރު އަދި ސޮވެރިން ފަންޑުގައި 320 މިލިއަން ޑޮލަރު ރައްކާކުރެވިފައި ހުރިކަން ފާހަގަކޮށްފައިވެއެވެ.
ހަމައެހެންމެ ރާއްޖެއަށް ކުރިމަތިވެފައި އޮތް މާލީ ދަތިތަކުން ގައުމު ސަލާމަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒާއި އެމަނިކުފާނުގެ ސަރުކާރުން ކުރައްވަމުންދާ ބުރަ މަސައްކަތްޕުޅުތަކަށް ސާބަސްދީ، ޕީއެންސީއިން ވަނީ މި ލިބުނު ބޮޑު ކާމިޔާބީއާ ގުޅިގެން ރައީސަށާއި ސަރުކާރަށް ހޫނު މަރުހަބާއެއް ކިޔައި، ޝުކުރު އަދާކޮށްފައެވެ.

