އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދާ ހަމަލާތައް މެދުކަނޑާލުމުގެ މަޝްވަރާތައް އެއްވެސް ކުރިއެރުމެއް ނުލިބި މަޑުޖެހިފައިވަނިކޮށް، ދެ ގައުމުގެ ދެމެދުގައި އަނެއްކާވެސް ނުރައްކާތެރި ހަމަލާތަކެއް ބަދަލުކުރަން ފަށާ އިރާނުން ބަޙްރެއިން އަދި ކުވޭތަށް އަމާޒުކޮށް ދިން ނުރައްކާތެރި ހަމަލާ، ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ބަޙްރެއިން އަދި ކުވޭތުގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި މުހިއްމު އިންފްރާސްޓްރަކްޗާތަކަށް އަމާޒުކޮށް މިސައިލާއި ޑްރޯން ބޭނުންކޮށްގެން އިރާނުން ވަނީ ނުރައްކާތެރި ހަމަލާތަކެއް ދީފައެވެ.
އެގޮތުން، ކުވޭތަށް އަމާޒުކޮށް އީރާނުން ވަނީ ބެލިސްޓިކް ދެ މިސައިލް ފޮނުވާލާފައެވެ. އަދި ބަހްރޭނަށް އަމާޒުކޮށް ތިން މިސައިލެއް ފޮނުވާލާފައެވެ. މިސައިލް ހަމަލާތައް ކުވައިތުގެ އެއާޕޯޓަށް އިއްޔެ ހެނދުނުގެ ވަގުތެއްގައި އަރައި، އެ ތަނުގައި ތިބި ބައެއް މީހުން ޒަޚަމްވެ، އެއާޕޯޓުގެ ބައެއް ވަސީލަތްތަކަށް ގެއްލުންވެފައިވެއެވެ. އެހެންކަމުން، ބައެއް ދަތުރުތައް މެދުކަނޑާލަން ޖެހިފައިވާ ކަމަށްވެސް، ރިޕޯޓުތަކުގައިވެއެވެ. މި ހާދިސާގައި އެކަކު މަރުވެފައިވާ ކަމަށްވެސް، ބޭރުގެ ނޫސްތަކުގައިވެއެވެ.
ބަޙްރައިނަށް އަމާޒުކޮށް އީރާނުން ފޮނުވި މިސައިލް ހަމަލާތައް ހުއްޓުވައިފައިވާ ކަމަށެވެ.
މިކަންކަމަށް އިޝާރާތްކޮށް ދިވެހި ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މި ހަމަލާތަކަކީ ބަހްރެއިން އަދި ކުވޭތުގެ ސިޔާދަތަށް އަރައިގަނެ، މުޅި ސަރަހައްދުގެ ހަމަޖެހުމާއި ސަލާމަތަށް ނުރައްކާވާ ފަދަ އަމަލުތަކެއް ކަމަށެވެ. އަދި މިފަދަ ކަންކަމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާއި އުސޫލުތަކާ ކަނޑައެޅިގެން ހިލާފު ކަންތައްތަކެއްގެ ގޮތުގައި ދިވެހި ސަރުކާރުން ސިފަކުރައްވާފައިވެއެވެ.
ބަހްރެއިން އަދި ކުވޭތުގެ ސަރުކާރާއި ރައްޔިތުންނާއެކު ދިވެހިރާއްޖެ އަބަދުވެސް ސާބިތުކަމާއެކު އޮންނާނެކަމުގެ ޔަގީންކަން ދެއްވާ އެ ބަޔާނުގައި އިތުރަށް ވަނީ، އެ ދެ ގައުމުގެ ސިޔާދަތު ރައްކާތެރިކުރުމަށާއި، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެ ގައުމުތަކުން އަޅާ ކޮންމެ ފިޔަވަޅަކަށް ރާއްޖޭގެ ފުރިހަމަ ތާއީދު އޮންނާނެ ކަމަށްވެސް ބުނެފައެވެ.
މެދުއިރުމަތީ ސަރަހައްދުގެ ސުލްހަޔާއި، ހަމަޖެހުމާއި، އަދި ރައްކާތެރިކަން އަލުން ގާއިމްކުރުމަށްޓަކައި ވަގުތުން ހަމަލާތައް ހުއްޓާލުމަށް ބައިނަލްއަގްވާމީ މުޖުތަމައުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރުމަށް ދިވެހި ސަރުކާރުން ވަނީ ގޮވައިލައިފައެވެ. އަދި މި މައްސަލައަށް ސިޔާސީ އަދި ހާރިޖީ ހައްލެއް ހޯދުމަށްޓަކައި ބައިނަލްއަގްވާމީ މުޖުތަމައުން ކުރަމުންދާ މަސައްކަތްތައް މިހާރަށްވުރެ ބޮޑަށް ވަރުގަދަކުރުމަށްވެސް ހާރިޖީ ވުޒާރާގެ ބަޔާނުގައި ބާރުއަޅުއްވާފައި ވެސް ވެއެވެ.

