ހުސް ކޮންޓެއިނަރު ބަރުކުރުމުގެ ފުރަތަމަ ޓްރައިލް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މާލޭ ވިޔަފާރި ބަނދަރަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމާއި ތޮށްޖެހުމުގެ މަައްސަަލައާއި ގުޅިގެން އޮޕަރޭޝަންތަކަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް، މި ވަގުތަށްވެސް ކުރެވޭނެ ކަންތައްތައް ދެނެގެނެ، ބަނދަރުން ފޯރުކޮށްދެމުންދާ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެމްޕީއެލްއިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، އެމްޕީއެލުން ވަނީ ތިލަފުށީގައި ގާއިމުކޮށްފައިވާ ކީ ވޯލްއަށް ބޯޓުފަހަރު ބަނދަރުކޮށްގެން ހުސް ކޮންޓެއިނަރު ބަރުކުރުމުގެ ފުރަތަމަ ޓްރައިލް އޮޕަރޭޝަން ކުރިއަށްގެންގޮސްފައެވެ.
އޮޕަރޭޝަންގައި މޯލްޑިވްސް ސްޓޭޓް ޝިޕިންގ އެމްއެސްއެސްގެ "އެމްއެސްއެސް ގަލޭނާ" ބޯޓަށް ޖުމްލަ 394 ޓީއީޔޫގެ ހުސް ކޮންޓެއިނަރު ބަރުކޮށްފައިވާއިރު، އެމްޕީއެލްގެ ޓީމުތަކުން ރެޔާއި ދުވާލު ކުރި މަސައްކަތުން އޮޕަރޭޝަނަލް 20 ގަޑިއިރުގެ ތެރޭގައި އޮޕަރޭޝަން ނިންމާލާފައިވެއެވެ.
މާލޭ ވިޔަފާރި ބަނދަރަށް އަންނަ ބޯޓުފަހަރުން މުދާ ބޭލުމަށްފަހު، ހުސް ކޮންޓެއިނަރުތައް ބަރުކޮށްގެން ފުރުމަށް މިހާރު ގިނަ ދުވަސްތަކެއް ހޭދަވާކަން ފާހަގަކޮށް އެމްޕީއެލުން ވަނީ އެހެންނަމަވެސް ތިލަފުށީގައި "އެމްޕްޓީ ކޮންޓޭނަރ ޑީޕޯ" ގެ ގޮތުގައި ބޭނުންކުރާ ސަރަހައްދުގައި ހުރި 60 މީޓަރުގެ ކީ ވޯލް ބޭނުންކުރަން ފެށުމުން، ބޯޓުފަހަރު ބަނދަރުގައި ހޭދަކުރަންޖެހޭ ވަގުތު ކުޑަވެ، މާލޭ ބަނދަރުގެ އޮޕަރޭޝަންތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބުނެފައެވެ.
ތިލަފުށީގައި ހުރި އެ ޖާގައަކީ ހުސް ކޮންޓެއިނަރުތައް ރައްކާކުރުމަށާއި، ސާފުކޮށް މަރާމާތުކުރުމަށް ބޭނުންކުރާ ހާއްސަ ފެސިލިޓީއަކަށްވާއިރު، މި ޑީޕޯގެ ޖުމްލަ ކެޕޭސިޓީ 3,000 ޓީއީޔޫއަށް މައްޗެވެ. އަދި މި އައު އިންތިޒާމަކީ ތިލަފުށީގައި ތަރައްގީކުރާ ބައިނަލްއަގްވާމީ ވިޔަފާރި ބަނދަރުގެ މަސައްކަތް ނިމި، 2027 ވަނަ އަހަރުގެ ނޮވެންބަރު މަހު ހުޅުވެންދެން މާލޭ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ލިބޭނެ ވަގުތީ ހައްލެއް ކަމަށް އެމްޕީއެލްއިން ފާހަގަކޮށްފައިވެއެވެ.
މާލޭ ވިޔަފާރި ބަނދަރު އަންނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ތިލަފުއްޓަށް ބަދަލުކުރެވޭނެ ކަމަށް، މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވެއެވެ. އެއާއެކު ބަދަރުގެ ހިދުމަތްތައް ފެށުމުން، މިހާރު 7 ދުވަހުން ހުސްކުރެވޭ ބޯޓު 48 ގަޑިއިރުން ހުސްކުރެވި ބަނދަރުގައި މުދާ ބެހެއްޓޭނެ މުއްދަތު އިތުރުކުރެވި މުދާ ރާއްޖެ ގެނައުމަށް ހިނގާ ހަރަދު ކުޑަވާނެކަމަށް ރައީސް ވިދާޅުވިއެވެ. މި ހުރިހައި ބަދަލުތަކާއެކު މުދަލުގެ އަގު ކުޑަކުރެވި އޭގެ ފައިދާ ރައްޔިތުންނަށް ލިބޭނެއެވެ.

