ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގައި ވަޒީފާ އަދާ ކުރާ ހުރިހާ މުވައްޒަފުންގެ ކުށުގެ ރެކޯޑް ސާފުކުރުމަށްފަހު ފޮނުއްވުމަށް އެ ކުންފުނީގެ މުވައްޒަފުންނަށް އަންގައިފިއެވެ.
އެ ކުންފުނިން ނެރުނު މެމޯއެއްގައި ބުނެފައިވަނީ އެުންފުނީގައި ވަޒީފާއަދާކުރަމުންދާ ހުރިހާ މުވައްޒަފުންގެ އެންމެ ފަހުގެ ކުށުގެ ރިކޯޑް ނުވަތަ ޕޮލިސް ރިޕޯޓް ހޯދުމަށް ބޭނުންވާތ،ީ ހުރިހާ ޑިޕާޓްމަންޓް ތަކާއި އަދި ބްރާންޗްގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ ކުށުގެ ރިކޯޑް ނުވަތަ ޕޮލިސް
ރިޕޯޓް ހޯދުމަށްފަހ،ު 2026 ޖޫން 11 ވާ ބުރާސްފަތި ރަސްމީގަޑި ނިމުމުގެ ކުރިން އެކުންފުނީގެ ހެޑް އޮފީހަށް ފޮނުވަން ޖެހޭނެ ކަމަށެވެ.
ފެނަކައިން މުވައްޒަފުންގެ ކުށުގެ ރެކޯޑް ސާފުކުރަމުންދާ މި ދަނޑިވަޅަކީ އެކުންފުނީގެ އާ މެނޭޖްމަންޓްގެ ދަށުން ކުންފުނި ހިންގުމުގައި ހަރަދު ބޮޑުވެ މުވައްޒަފުން މަދުކުރުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.
ފެނަކަ ކުންފުނީގައި މިވަގުތު 8000 އެއްހައި މުވައްޒަފުން މަސައްކަތް ކުރަމުންދާއިރު މިމުއްވަޒަފުންގެ މުސާރައަށް ގާތްގަނޑަކަށް 90 މިލިޔަން ރުފިޔާ ޚަރަދުވާ ކަމާށް މެނޭޖިންގ ޑިރެކްޓަރ އަފީފް ވިދާޅުވިއެވެ. މިއީ ކުންފުނީގެ އާމްދަނީއާއި ނުބައްދަލު އަދި ކުންފުނިން މުވައްޒަފުންނަށް ކުރަންޖެހޭ އެހެން ޚަރަދުތަކާއި ޚިދުމަތް ދިނުމަށް ބޭނުންވާ އެހެނިހެން ކަންކަން ކުރުމަށް ކުރާ ޚަރަދަށް ވުރެ ބޮޑު އަދަދެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ފެނަކައިގެ މަޝްރޫޢުތަކަށް މީގެ ކުރިން ނަގާފައިވާ މުވައްޒަފުން ތިބި އިރު އަތޮޅު ތެރޭގައި ތިބި އޭގެތެރެއިން ބައެއް ފަރާތްތަކަކީ އޮފީހަށް ހާޒިރުވާން ކޮންމެހެން ނުޖެހޭ ހާލަތުގައި ތިބި މުވައްޒަފުން ކަމަށް ވިދާޅުވިއެވެ. އެ މަޝްރޫޢުތައް އެކި ސަބަބުތަކާއި ހެދި ހުއްޓި ކުރިއަށް ނުދާ ހިނދުވެސް އެމުވައްޒަފުންނަށް ކުންފުނިން މުސާރަ ދޭން ޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.
މިމައްސަލަ ހައްލުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން މިހާރު ކުންފުނީގެ ބޯޑުން ފާސްކޮށްގެން ރިޑަންޑެންސީ ޕޮލިސީއެއް ފާސްކޮށްފައިވާ ކަމަށް މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ. މި ސިޔާސަތުގެ ތެރެއިން އަމިއްލަ އިސްނެގުމަށް ވަކިވާން ބޭނުންވާ މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ގަނޑުކޮށް ދިނުމަށް ފަހު ވަކިވުމުގެ ފުރުސަތު ދޭނެ ކަމަށް ވިދާޅުވިއެވެ. އަދި ބާކީ ތިބި މުވައްޒަފުންގެ ތެރެއިން އޮނިގަނޑު ތެރެއިން ޖާގަ ދެވޭ މިންވަރަކުން މުވައްޒަފުން ނަގަމުންދާނެ ކަމަށް އަފީފް ވިދާޅުވިއެވެ.
“ކުންފުނީގެ އައު އޮނގަނޑުގައި ހިމެނޭ މަޤާމުތަކަށް ތަނުގެ އެންމެ ދުވަސްވީ ތަޖުރިބާހުރި އަދި ބޭނުންތެރި މުވައްޒަފުންނަށް އިސްކަން ދީގެން އެ ގޮޅިތަކަށް އަޅުގަނޑުމެން މުވައްޒަފުން ނަގަމުންދާނީ. މި މަޤާމުތަކަށް މުވައްޒަފުން ނަގާ ނިމުނީމަ ދެން ބާކީ ތިބި މުވައްޒަފުންނަކީ ރިޑަންޑެންޓް ކުރަން ޖެހޭނެ މުވައްޒަފުން. އެހެންވީމަ އެމުވައްޒަފުން ދޫކޮށްލުމުގެ ކަންތައްތައް ކުރިއަށް ގެންދެވޭނެ ” ފެނަކަ އެމްޑީ އަފީފް ވިދާޅުވިއެވެ.
ފެނަކައިން ވިދާޅުވީ މިގޮތަށް މުވައްޒަފުން ދޫކޮއްލާއިރު މުވައްޒަފުން ވަޒީފާ އަދާކުރި މުއްދަތައް ބަލާފައި ރިޑަންޑެންޓް ޕެކޭޖްތަކެއް ހެދިފައިވާ ކަމަށެވެ. މިމަސައްކަތަކީ ސިޔާސީ މަންފާއެއް ހޯދުމަށް ކުރާ މަސައްކަތެއް ނޫން ކަމަށާއި ކުންފުނި ދެމެހެއްޓެނި ގޮތެއްގައި ހިންގުމަށް ކުރެވޭ މަސައްކަތެއް ކަމަށް ފެނަކައިން ވިދާޅުވެއެވެ.

