ދެ ޢީދު ފާހަގަކުރުމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވައިލަން ފަށާފައިވާ ކަން ހމަކޮށްފިއެވެ.
މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި އިސްލާމި މިނިސްޓަރު މުހައްމަދު ޝަހީމު އަލީ ސައީދު މިއަދު ވިދާޅުވީ، އަންނަ ހިޖުރީ އައު އަހަރުން ފެށިގެން ދެ ޢީދު ފާހަގަކުރުމާ ބެހޭ ގޮތުން މިނިސްޓްރީގެ ހާއްސަ ކޮމިޓީއަކުން ޕްލޭނެއް އެކުލަވާލަން ފަށާފައިވާ ކަމަށެވެ.
މި ޕްލޭނުގެ ދަށުން، ރަށްރަށުގެ ކައުންސިލްތަކާ މަޝްވަރާކޮށް، ރަށްރަށުގައި ހަރަކާތްތެރިވާ އިސްލާމީ ޚިދުމަތްދޭ މަދަނީ ޖަމިއްޔާތައް ބައިވެރިކޮށްގެން ޢީދުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. ވަކިން ޚާއްސަކޮށް، ރާއްޖޭގެ ސިޓީތަކުގައި ޢީދު ފާހަގަކުރުމަށް މުހިންމު އިވެންޓްތަކެއް ކުރިއަށް ގެންދާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުގެ އެކި ވުޒާރާތައް ގުޅިގެން މި މަސައްކަތް ކުރިއަށްގެންދާނެއިރު، މިކަމަށްޓަކައި އާޓްސް މިނިސްޓްރީއާ ގުޅިގެން އިސްލާމިކް މިނިސްޓްރީން މަސައްކަތް ކުރާނެ ކަމަށް ވެސް ޑރ ޝަހީމު ވަނީ ވިދާޅުވެފައެވެ.
އީދު ފާހަގަކުރުން އިސްލާމީ ހުދޫދާ މިންގަނޑުގެ ތެރެއަށް ފެއްތުމަށް މިނިސްޓަރު މުހިއްމު މަސައްކަތެއް ފައްޓަވާފައިވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އީދުގެ އެކިއެކި ކުޅިވަރުތައް ކުޅެ އުފާ ފާޅުކުރާއިރު، އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފަހައްޓަވައި، ދިވެހީންގެ ރީތި އާދަކާދަތަކާ ބީރައްޓެހި ކަންކަމުން ދުރުވުމަށް މީގެ ކުރިން އިލްތިމާސްކުރައްވާފައެވެ.

