އޮނިގަނޑަށް މުހިއްމު ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހު ބާއްވާ ކީރިތި ގުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ އޮޑިޝަން މާދަމާ ފެށުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ތައްޔާރުވެއްޖެއެވެ. މި ފަހަރުގެ މުބާރާތަކީ ގިނަ ބަދަލުތަކަކާއެކު ކުރިއަށްގެންދާ މުބާރާތެކެވެ.
އިސްލާމީ ވުޒާރާއިން މައުލޫމާތު ދެއްވާގޮތުގައި، މި މުބާރާތުގެ އޮޑިޝަން ބުރުތައް ކުރިއަށްދާނީ އަތޮޅުތައް ވަކިވަކިން ބަހާލައިގެންނެވެ. އެގޮތުން މާދަމާ އާއި އޭގެ އަނެއް ދުވަހު އޮޑިޝަންތައް ކުރިއަށްދާނީ ހއ. ދިއްދޫ، ހއ. ހޯރަފުށި، ކުޅުދުއްފުށި ސިޓީ، ށ. ފުނަދޫ އަދި ނ. މަނަދޫގައެވެ.
މީގެ އިތުރުން، ޖޫން މަހުގެ 12 އަދި 13 ގައި ރ. އުނގޫފާރު، ބ. އޭދަފުށި، ޅ. ނައިފަރު، އއ. ރަސްދޫ އަދި އދ. މަހިބަދޫގައި އޮޑިޝަންތައް ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ. އަދި ޖޫން 19 އާއި 20 ގައި ވ. ފެލިދޫ، މ. މުލި، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ އަދި ތ. ވޭމަންޑޫގައި އޮޑިޝަންތައް ކުރިއަށްދާނެއެވެ.
އަތޮޅުތަކުގެ އޮޑިޝަންތަކުގެ ތެރެއިން ޖޫން 26 އަދި 27 ގައި ލ. ފޮނަދޫ، ގއ. ވިލިނގިލި، ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ ހިތަދޫ އަދި މީދޫގައި އޮޑިޝަންތައް ބާއްވާނެއެވެ. ކ. އަތޮޅުގެ ރަށްތަކަށް ހާއްސަ އޮޑިޝަން ޖުލައި 3 އަދި 4 ގައި މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، މާލެ ސިޓީގެ އޮޑިޝަންތައް ކުރިއަށްދާނީ ޖުލައި 5 އިން 11 ގެ ނިޔަލަށެވެ.
މި އަހަރުގެ މުބާރާތަށް ބޮޑު ތަރުހީބެއް ލިބިފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން ކީރިތި ގުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގައި މުޅި ރާއްޖެއިން ޖުމްލަ 3053 ބައިވެރިން ބައިވެރިވެފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ.

