އދ ގެ އިގްތިސާދީ އަދި އިޖުތިމާއީ މަޖިލިސް (އިކޮސޮކް) ގެ 2027 އިން 2029 ވަނަ އަހަރުގެ ދައުރުގެ މެމްބަރުކަމަށް ދިވެހިރާއްޖެ މިއަދު އިންތިހާބުވެއްޖެއެވެ. މިއީ 1965 ވަނަ އަހަރު ރާއްޖެ އިން އދ ގެ މެމްބަރަކަށް ވުމަށްފަހު، ވޭތުވެދިޔަ 60 އަހަރުގެ ތެރޭގައި މި މަޖިލީހަށް ރާއްޖެ އިންތިހާބުވި ފުރަތަމަ ފަހަރެވެ.
މި އިންތިހާބު ރާއްޖެއިން ކާމިޔާބުކޮށްފައިވަނީ ޖުމްލަ 183 ވޯޓު ލިބިގެންނެވެ. އޭޝިއާ ޕެސިފިކް ސަރަޙައްދަށް ކަނޑައަޅާފައިވާ ތިން ގޮނޑިއަށް ރާއްޖެއާއެކު ދެން އިންތިހާބުވީ މެލޭޝިއާ އަދި ރިޕަބްލިކް އޮފް ކޮރެއާއެވެ.
ރާއްޖޭގެ މި ދައުރު ރަސްމީކޮށް ފެށޭނީ 1 ޖެނުއަރީ 2027 ގައެވެ. އަދި މި ދައުރު ނިމޭނީ 31 ޑިސެމްބަރު 2029 ގައެވެ.
ޚާރިޖީ ވުޒާރާއިން ވިދާޅުވި ގޮތުގައި އިކޮސޮކްގެ މެންބަރުކަމަށް ރާއްޖެ އިންތިހާބުވުމަކީ، ދެމެހެއްޓެނިވި ތަރައްގީއާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކަށް ބައިނަލްއަގްވާމީ މުޖުތަމައުން ކުރާ އިތުބާރު ހާމަކޮށްދޭ ކަމެކެވެ. މީގެ އިތުރުން ތަރައްގީއަށް ބޭނުންވާ މާލީ ވަސީލަތްތައް ފަސޭހެ ކަމާއެކު ގައުމުތަކަށް ހޯދައި ދިނުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައްވެސް މިކަމުން ބަލައިގަނެފައިވާކަން އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.
މި ތާރީޚީ ކާމިޔާބީއާ ގުޅިގެން ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވީ، މިއީ ބައިނަލްއަގްވާމީ މުޖުތަމަޢިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޚާރިޖީ ސިޔާސަތު ބަލައިގަންނަކަމުގެ ހެއްކެއް ކަމަށެވެ.
“ދެމެހެއްޓެނިވި ތަރައްގީއަށާއި، މޫސުމަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގެ އިތުރުން، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ހައްގުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ބަލައިގެންފައިވާކަން ހާމަކޮށްދޭ ކަމެއް،” ވަޒީރު ވިދާޅުވިއެވެ.
އދ އަށް ރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދު ވިދާޅުވީ މިއީ ލިބުނު މަތިވެރި ޝަރަފެއްގެ އިތުރުން ބޮޑު ޒިންމާއެއް ކަމަށެވެ. އަދި ރާއްޖޭގެ ދައުރުގައި ހުރިހާ މެންބަރު ގައުމުތަކާ ގުޅިގެން، އިކޮސޮކަކީ އަމަލީ ނަތީޖާ ނެރެދޭ އަދި ހައްލުތައް ހޯދައިދޭ ކައުންސިލަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޑރ. ނަސީރު ވިދާޅުވިއެވެ.
އިކޮސޮކްއަކީ އދ ގެ މައިގަނޑު ހަ ގުނަވަނުގެ ތެރެއިން އެއް ގުނަވަނެވެ. މި މަޖިލީހަކީ އދ ގެ ނިޒާމުގެ ތެރެއިން އިގްތިސާދީ އަދި އިޖުތިމާއީ އެކި މައްސަލަތައް ވިލަރެސްކުރާ އެންމެ މަތީ މަޖިލީހެވެ. އަދި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްވަމުންދާ މިންވަރު ބަލައި މުރާޖައާކުރުމުގައިވެސް މި މަޖިލީހުން މުހިންމު ދައުރެއް އަދާކުރެއެވެ.

