ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓު ކާޑު ރުފިޔާ އެކައުންޓުތަކުން އޮންލައިންކޮށް ކުރާ ވިޔަފާރިތަކުގެ ތެރޭގައި ހިމެނޭ، އީ-ކޮމާސް ވެބްސައިޓްތަކަށް ފައިސާ ދެއްކޭ އަދަދު ލިމިޓްކޮށްފައި ވީނަމަވެސް، އާންމުކޮށް ބޭނުންކުރާ ހިދުމަތްތަކުގެ ސަބްސްކްރިޕްޝަން ޕޭމަންޓުތައް އެ ލިމިޓު ތެރޭގައި ހިމަނާފައި ނުވާނެ ކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.
ބީއެމްއެލުން ދާދި ފަހުން ވަނީ ޑޮލަރުގެ ތާށިކަމާ ހެދި ޑެބިޓު ކާޑު ލިމިޓުތައް ފަދަ ބައެއް ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން ބޭރުގެ ބައެއް އީކޮމާސް ސައިޓުތަކުން ކޮންމެ މީހަކަށް މަހަކު ކުރެވޭ މުއާމަލާތްތަކުގެ އަދަދު 30 އަށް ލިމިޓްކުރުމާއެކު، މުޅި ރާއްޖެއަށް ދުވަހު ލިމިޓެއް ކަނޑައަޅައިފައިވެއެވެ. އެއާއެކު އެކި ޚިދުމަތްތަކުގެ ސަބްސްކްރިޕްޝަންވެސް ނުދެއްކިގެން ގިނަ ބަޔަކު އަންނަނީ ޝަކުވާ ކުރަމުންނެވެ.
އެ ކަންކަން ސާފުކޮށްދީ ބީއެމްއެލުން މިސްމީޑީޔާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ސަބްސްކްރިޕްޝަން ޕޭމަންޓުތައް "ޑެއިލީ ފޮރިން ސްޕެންޑް" ލިމިޓްގައި ނުހިމެނޭނެ ކަމަށާއި، އެފަދަ ޕޭމަންޓުތައް މަނާކޮށްފައިނުވާނެ ކަމަށެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ބައެއް މީހުންގެ ސަބްސްކްރިޕްޝަން ޕޭމަންޓުތައް މާޗަންޓުން ޑިކްލައިންކޮށްފައިވާ މައްސަލަ ފާހަގަވެފައިވާ ކަމަށް ބޭންކުން ވިދާޅުވިއެވެ.
އެ ބޭންކުން އިތުރަށް ބުނެފައިވަނީ، މިފަދަ މައްސަލަތައް ބަލަމުންދާ ކަމަށާ އަދި ސަބްސްކްރިޕްޝަން ޕޭމަންޓެއް ޑިކްލައިންވެއްޖެ ނަމަ ބޭންކަށް ގުޅާ އެކަން އެ ބޭންކުގެ ސަމާލުކަމަށް ގެނައުމަށް ވެސް އެދޭ ކަމަށެވެ.
ބޭންކު ލިމިޓުގެ ސަބަބުން އާންމުންނަށް ދަތިތަކެއް ކުރިމަތިވީ ނަމަވެސް އެއީ އިގްތިސޯދު ހަރުދަނާ ކުރަން އަޅަން މަޖްބޫރުވެގެން އެޅި ފިޔަވަޅެއް ކަމަށާ ކާޑު ލިމިޓަށް މި މަހުގެ ފަހުކޮޅުން ފެށިގެން ވަރަށް ބޮޑުތަނުން ލުޔެއް ދޭނެ ކަމުގެ އިޝާރާތް ބީއެމްއެލްއިން ދީފައިވާ ކަމުގެ އުފާވެރި ހަބަރު މިދިޔަ އަންގާރަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވެއެވެ.

