މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މެއި މަހުގެ ނިޔަލަށް ދިވެހިރާއްޖެއަށް ދަތުރުކުރި ބައިނަލްއަގުވާމީ އެއާލައިންތަކުގެ ފްލައިޓް ހަރަކާތްތަކަށް ބަލާއިރު، އެންމެ ގިނަ ފްލައިޓް މޫވްމަންޓްސްއާއެކު، ރާއްޖޭގެ ގައުމީ އެއާލައިން "މޯލްޑިވިއަން" ލިސްޓުގެ އެއްވަނަ ހޯދައިފިއެވެ.
ދުނިޔޭގެ ބޮޑެތި އެއާލައިންތައް ފަހަތަށް ޖައްސާލުމަށްފަހު ރާއްޖެއަށް އެންމެ ގިނައިން އިންޓަނޭޝަނަލް ފަސިންޖަރުން ގެނައި އެއާލައިންގެ މަގާމަށް ގައުމީ އެއާލައިން އެރިކަން ހާމަވެފައިވަނީ ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ނެރުނު ތަފާސްހިސާބުތަކުންނެވެ.
އެގޮތުން މި މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް އެ ވުޒާރާއިން ނެރުނު ހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި މޯލްޑިވިއަންގެ ބައިނަލްއަގުވާމީ ފްލައިޓްތަކުގެ ޖުމްލަ 2,752 މޫވްމަންޓް ރެކޯޑުކުރެވިފައިވެއެވެ. މިއީ ރާއްޖެއަށް އޮޕަރޭޓްކުރި ޖުމްލަ ބައިނަލްއަގުވާމީ ފްލައިޓްތަކުގެ 19.3 އިން ސައްތައެވެ.
ލިސްޓުގެ ދެވަނައިގައި އޮތް މެދުއިރުމަތީގެ މަޝްހޫރު އެއާލައިން ކަމަށްވާ އެމިރޭޓްސްއިން 1,480 ފްލައިޓް މޫވްމަންޓް (10.4 އިން ސައްތަ) ރެކޯޑުކޮށްފައިވާއިރު، ތިންވަނައިގައި އޮތް ޤަތަރު އެއާވޭސްއިން ވަނީ 1,172 ފްލައިޓް މޫވްމަންޓް (8.2 އިން ސައްތަ) ރެކޯޑްކޮށްފައެވެ. އަވައްޓެރި އިންޑިއާގެ ހަތަރުވަނައިގައި އޮތްއިރު މި ރޭހުގައި ފަސް ވަނައިގައި އޮތީ ފްލައިޑުބާއީ އެެވެ.
މިހާރު ރާއްޖެ އަށް ޖުމްލަ 44 ބައިނަލްއަގުވާމީ އެއާލައިނަކުން ދަނީ ދަތުރުތައް ބާއްވަމުން ދާކަަމަށް ހިސާބުތަކުން ދައްކާއިރު، ތެރޭގައި ހިމެނެނީ 29 ޝެޑިއުލް އެއާލައިނާއި 15 ޗާޓަރު އެއާލައިނެވެ. އެއާއެކު ރާއްޖެ އަށް އަންނަ ފްލައިޓްތަކުގެ ސީޓްތައް ފުރޭ މިންވަރު ނުވަތަ "ސީޓް ލޯޑް ފެކްޓްރީ" ވެސް ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު ކުރިއެރުން ހޯދާފައެވެ.
އެހެންކަމުން މިއީ ބޮޑެތި އެއާލައިންތައް ފަހަތަށް ޖައްސާ ގައުމީ އެއާލައިންއިން ހޯދި ފުރިހަމަ ކާމިޔާބީއެއްކަން ފާހަގަކޮށްލެވެއެވެ.

