ހައްޖުގެ މަތިވެރި އަޅުކަމަށް ފަހު އެނބުރި ގައުމަށް އައިސް ހުރިހާ ހައްޖާޖީއިންވެސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅާ ބަލިތަކުން ސަލާމަތްވުމަށް މަސައްކަތްކުރުމަށް އިލްތިމާސްކޮށްފިއެވެ.
މިފަދައިން އިލްތިމާސްކޮށްފައިވަނީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިންނެވެ. މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ ހައްޖާޖީއިން މިއަދު އެނބުރި އަންނަން ފަށާފައިވާއިރު، އެޗްޕީއޭއިން ވަނީ ހައްޖު ނުވަތަ އުމްރާއިން އެނބުރި އައުމަށް ފަހު، ބަލިތަކުން ރައްކާތެރިވާން އަޅާނެ ފިޔަވަޅުތަކަކާއެކު އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.
އެ ޕޯސްޓުގައި ވަނީ، އަރިދަފުސް ރޯގާ ޖެހިއްޖެ ނަމަ ކެއްސައި، ކިނބިހި އަޅާއިރު އަނގަމައްޗާއި ނޭފަތް ނިވާކުރުމާއި ޓިޝޫ ފަދަ ތަކެތި ބޭނުންކުރުމަށް ފަހު ރައްކާތެރިގޮތުގައި ނައްތާލުމާއި ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުމާއި ދަތުރުމައްޗާއި ހައްޖު/އުމްރާ އަޅުކަމުގައި އުޅޭއިރު މާސްކު އަޅައިގެން އުޅުމާއި ރޯގާޖެހި ކެއްސާ ނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވެސް އެދިފައެވެ.
އޭގެ ތެރެއިންވެސް ހާއްސަކޮށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ބަލިތައް ތަހައްމަލުކުރާ މީހުން ނުދިއުމާއި ރޯގާ ޖެހިފައިވާ ނަމަ ކުޑަކުދިން ކައިރިއަށް ނުދިއުން އަދި އެ ކުދިން އުރާ ނޫޅުމާއި އަޅުކަމަށް ފަހު އެނބުރި ގައުމަށް އަންނަތާ 14 ދުވަސް ތެރޭގައި ހުން އައުމާއި ކެއްސުމާއި ނޭވާލާން އުނދަގޫވުމާއި މޭގައި ރިއްސުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ވީ އެންމެ އަވަހަކަށް ޑޮކްޓަރަށް ދެއްކުމަށް ވަނި އިރުޝާދުދީފައެވެ.
ހައްޖުގެ މަތިވެރި އަޅުކަން އަދާކުރަން މި އަހަރު ރާއްޖެއިން ޖުމްލަ 1،019 ހައްޖާޖީއިން ގޮސްފައިވެއެވެ. އޭގެ ތެރެއިން ފުރަތަމަ ފްލައިޓުގައި ހައްޖާޖީއިން ވަނީ މިހާރު ރާއްޖެ އައިސްފައެވެ. ދެވަނަ ފްލައިޓު، ޖޫން 7 (އާދިއްތަ) ދުވަހު ހަވީރު 17:40 ގައި ރާއްޖެ އަންނާނެއެވެ. އަދި ތިން ވަނަ ފްލައިޓު ޖޫން 8 (ހޯމަ) ދުވަހު މެންދުރުފަހު 14:00 ގައި އައުމަށް ޖެހިފައިވާއިރު، ހަތަރު ވަނަ ފްލައިޓު ޖޫން 9 (އަންގާރަ) ދުވަހު މާލެ ޖައްސާނީ މެންދަމު 00:01 ގައެވެ.

