ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުން މިއަދު ހެނދުނު 8:00 ގައި ވަނީ ފަށާފައެވެ. އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި މިއަދު ހަވީރު 16:00 އާ ހަމައަށް ވޯޓުލުން ކުރިއަށްދާނެއެވެ.
މި އިންތިހާބުގައި ވޯޓުލުމަށްޓަކައި ޖުމްލަ ހަތް ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ. އެއީ އައްޑޫ ސިޓީ ހިތަދޫގައި ބަހައްޓާފައިވާ ފަސް ފޮއްޓާއި، މާލޭގައި ދިރިއުޅޭ އެ ދާއިރާގެ ރައްޔިތުންނަށް ޚާއްސަކޮށްގެން ދަރުމަވަންތަ ސްކޫލުގައި ބަހައްޓާފައިވާ ދެ ފޮއްޓެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 4,121 މީހަކަށް ލިބިގެންވެއެވެ.
މި ގޮނޑިއަށް ވާދަކުރައްވަނީ މައިގަނޑު ދެ ސިޔާސީ ޕާޓީގެ ކެންޑިޑޭޓުންނެވެ. އެއީ ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން އައްޑޫ ސިޓީ ކައުންސިލުގެ މެންބަރު އަހުމަދު ސައީދު (ސޮޑާ) އާއި، އިދިކޮޅު އެމްޑީޕީގެ ފަރާތުން އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސާދިގު (ސޯބެ) އެވެ.
ޕީއެންސީގެ ޓިކެޓު ސައީދަށް ލިބިވަޑައިގަތީ އެ ޕާޓީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި މުހައްމަދު ސިނާން ޓިކެޓު ދޫކޮށްލެއްވުމާ ގުޅިގެންނެވެ. އެމްޑީޕީގެ ފަރާތުން ސޯދިގު އިންތިހާބަށް ނުކުންނެވީ އެ ޕާޓީގެ ޕްރައިމަރީއަށް އިތުރު ބޭފުޅަކު ކުރިމަތިނުލެއްވުމުންނެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރުކަމުގައި ކުރިން ހުންނެވި މުހައްމަދު ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއް އޮތް ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމަކާ ގުޅިގެންނެވެ. އެއީ އިސްލާމިކް ބޭންކުން ނެގި ލޯނަކަށް ދައްކަންޖެހޭ 2.5 މިލިއަން ރުފިޔާ، ކޯޓުން ކަނޑައެޅި މުއްދަތުގައި ދައްކާފައިނުވާތީ، ގާނޫނުއަސާސީގައި ބަޔާންކުރާ މެންބަރުކަމުގެ ޝަރުތު އޭނާގެ ކިބައިން އުނިވުމުންނެވެ.
މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީގެ 74 މެންބަރުން ތިއްބަވާއިރު، އެމްޑީޕީ ތަމްސީލުކުރައްވަނީ 12 މެންބަރުންނެވެ.

