ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް ޢަބްދުﷲ ޞާދިޤު (ސޯބެ) ކާމިޔާބުކުރައްވައިފިއެވެ. މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތައް ދައްކާގޮތުން، ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓް އަޙްމަދު ސަޢީދާ ވާދަކުރައްވައި ކުރި ހޯއްދަވާފައިވަނީ ޢަބްދުﷲ ޞާދިޤެވެ.
މި އިންތިޚާބުގައި ވޯޓުލުމަށްޓަކައި ޖުމްލަ 7 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އެއީ މާލޭގެ ދަރުމަވަންތަ ސްކޫލުގައި ބެހެއްޓި 2 ފޮއްޓާއި، އައްޑޫ ސިޓީ ހިތަދޫ ސްކޫލުގައި ބެހެއްޓި 5 ފޮއްޓެވެ. މި ދާއިރާގައި ވޯޓު ދިނުމުގެ ހައްޤު ޖުމްލަ 4،121 މީހުންނަށް ލިބިގެންވެއެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި ޢަބްދުﷲ ޞާދިޤަކީ އައްޑޫ ސިޓީގެ ފުރަތަމަ މޭޔަރެވެ. އޭނާ ވަނީ އައްޑޫ ސިޓީގެ މޭޔަރުގެ މަޤާމު ޖެހިޖެހިގެން 3 ދައުރު އަދާކުރައްވާފައެވެ. މީގެ އިތުރުން ނިމިދިޔަ ސަރުކާރުގައި އޭނާ ވަނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރައްވާފައެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވަނީ، 2024 ވަނަ އަހަރު އެ ދާއިރާއަށް އިންތިޚާބުވި މެންބަރުގެ މައްޗަށް ސާބިތު ދަރަންޏެއް އޮތްކަން ކޯޓަށް ސާބިތުވުމާ ގުޅިގެންނެވެ. ސުޕްރީމް ކޯޓަށް ހުށަހެޅި މި މައްސަލައިގައި އެ ކޯޓުން ކުރި ޙުކުމާ ގުޅިގެން އެ ގޮނޑި ވަނީ ހުސްވެފައެވެ.

