އިލެކްޝަން ކޮމިޝަންގެ ކުރީ ރައީސް އަހުމަދު ރަޝާދު އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އެ އާއިލާއަށް ތައުޒިޔާ އަރިސްކުރައްވައިފިއެވެ.
ދިވެހި ދައުލަތަށް ދިގުމުއްދަތަކަށް ހިދުމަތް ކުރެއްވި އިއްޒަތްތެރިއެއް ކަމަށްވާ މއ.އަލިތަރި، އިބްރާހީމް ރަޝާދު އަވަހާރަވުމާ ގުޅިގެން ރައީސް މީސް މީޑިޔާ މެދުވެރިކުރައްވާ ފޮނުއްވި ތައުޒިޔާގެ މެސެޖުގައި ވިދާޅުވެފައިވަނީ، ދިވެހި ދައުލަތަށް ދިގުމުއްދަތަކަށް ހިދުމަތްކުރެއްވި ޢިއްޒަތްތެރިއެއްގެ ލަގަބު އަރުވައިފައިވާ، އަދި ދިވެހި ދައުލަތުގެ މަތީ މަގާމުތަކެއްގައި އިހުލާސްތެރި ހިދުމަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށާ ރަޝާދު އަވަހާރަވި ޚަބަރު އެމަނިކުފާނު އެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ.
ރަޝާދަކީ އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމާއި، ޕްރިންސިޕަލް ކަލެކްޓަރ އޮފް ކަސްޓަމްސްގެ މަގާމާއި، އަތޮޅުވެރިކަމުގެ އިތުރުންވެސް އެ ވަގުތަކު ދައުލަތުން ހަވާލުކުރެއްވި ކޮންމެ މަސްއޫލިއްޔަތެއް މުރާލިކަމާއި ތެދުވެރިކަމާއި ރޭވުންތެރިކަމާއެކު އަދާކުރެއްވުމުގައި ލާމަސީލު ނަމޫނާއެއް ބޭފުޅެއްގެ ގޮތުގައި ފާހަގަކުރައްވާ ރައީސް ވަނީ، ޤައުމަށް ގެއްލިގެން ދިޔައީ ބޭނުންތެރި، އަގުހުރި، ޙިކްމަތްތެރި ހިންގުންތެރި ޝަޚްޞިއްޔަތުވަންތަ ތަޖުރިބާކާރެއް ކަމަށެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، މީގެ ވިއްސަކަށް އަހަރަށްވުރެ ކުރިން، ޓެކްނޮލޮޖީގެ ވަސީލަތްތައް މިހާރަށްވުރެ މާމަދު ޒަމާނުގައިވެސް ސަރުކާރުގެ އިދާރީ ހިންގުން ހަލުވިކޮށް ރައްޔިތުންނަށްދޭ ހިދުމަތްތައް ފަސޭހަކުރުމުގައި ރަޝާދު ކުރެއްވި މަސައްކަތްޕުޅުތައް ހާއްސަކޮށް ފާހަގަކުރެއްވޭކަމަށެވެ. އަދި، ދައުލަތަށް ހިދުމަތް ކުރެއްވުމުގައި އުސޫލުތަކާއި ހަމަތަައް ހިފެހެއްޓެވުމާއި އަމާނާތްތެރިކަމުގައި ރައްޔިތުންނާއި ވެރިންގެ އިތުބާރު ރަޝާދު ހޯއްދަވައިފައިވާކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ފަހުގެ ތާރީހުގައި ގައުމު ދުށް އެފަދަ ހިދުމަތްތެރި، ހުލްގު ހެޔޮ ބޭފުޅަކު ވަކިވެވަޑައިގަތުމަކީ ނުހަނު ހިތާވެރިކަމެއް ކަމަށާ ގައުމަށާ އަދި އެ އާއިލާއަށް ވެސް ކުރިމަތިވި މި ހިތާވެރި ދަނޑިވަޅުގައި، އެމަނިކުފާނު، ރަޝާދުގެ އާއިލާއަށާ ރަޝާދު ޚިދުމަތްކުރެއްވި އެކި އިދާރާތަކުގެ މުވައްޒަފުންނަށް ވެސް ތަޢުޒިޔާ ދަންނަވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
މާތް ﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތާއި ރަޙްމަތުގައި މަރްޙޫމް އިބްރާހީމް ރަޝާދު ލެހެއްޓެވުން އެދި ރައީސް ދުއާ ކުރައްވާފައިވެސް ވެއެވެ.

