2026 ވަނަ އަހަރު އެމެރިކާ، މެކްސިކޯ އަދި ކެނެޑާ ގުޅިގެން ބާއްވާ ފީފާ ވޯލްޑް ކަޕްގެ ރަސްމީ ބޯޅަ “ޓްރިއޮންޑާ” ދުނިޔެއަށް ދައްކާލައިފިއެވެ. މަޝްހޫރު ކުންފުނި އެޑިޑާސް އިން އުފައްދާފައިވާ މި ބޯޅައަކީ ޒަމާނީ ޓެކްނޮލޮޖީއާއި ފުޓްބޯޅައިގެ ސަގާފީ ފަންނުވެރިކަން ފުރިހަމައަށް އެކުލެވިގެންވާ އުފެއްދުމެކެވެ.
މި ބޯޅައަށް ދީފައިވާ ނަން ކަމަށްވާ “ޓްރިއޮންޑާ” ނެގިފައިވަނީ “ޓްރައި” (ތިނެއް) އަދި “އޮންޑާ” (ރާޅު) މި ދެ ބަހުންނެވެ. މިއީ މުބާރާތް ބާއްވާ ތިން ގައުމާއި އެ ގައުމުތަކުގެ ސަގާފީ ރޫހު ރަމްޒުކޮށްދޭ ނަމެކެވެ. ބޯޅައިގެ ފަރުމާގައި ބޭނުންކޮށްފައިވާ ކުލަތަކަކީ މުބާރާތް ބާއްވާ ތިން ގައުމުގެ ގައުމީ ނިޝާންތަކުން އިންސްޕަޔަރވެގެން ނަގާފައިވާ ކުލަތަކެކެވެ. އެގޮތުން ކެނެޑާގެ މޭޕަލް ލީފް، މެކްސިކޯގެ އީގަލް، އަދި އެމެރިކާގެ ތަރިތައް ބޯޅައިގެ ޑިޒައިންގައި ރީތިކޮށް ހިމަނާފައިވެއެވެ.
ޓްރިއޮންޑާ ބޯޅައިގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ އޭގައި ހިމެނޭ ޒަމާނީ ޓެކްނޮލޮޖީއެވެ. ބޯޅައިގެ އެތެރޭގައި 14 ގްރާމްގެ ލުއި ސެންސަރެއް ހަރުކޮށްފައިވެއެވެ. މި ސެންސަރުގެ އެހީގައި ބޯޅައިގެ ހަރަކާތްތައް ސިކުންތަކު 500 ފަހަރު ދެނެގަނެ، ވީއޭއާރު (VAR) ސިސްޓަމަށް ވަގުތުން މައުލޫމާތު ފޮނުވައިދެއެވެ. މިއީ މެޗުތަކުގައި ދިމާވާ އޮފްސައިޑާއި ހޭންޑްބޯލް ފަދަ ނިންމުންތައް އެންމެ ސައްހަކޮށް ނިންމުމަށް ރެފްރީންނަށް ލިބިގެންދާނެ ބޮޑު އެހީތެރިކަމެކެވެ.
ފަރުމާގެ ގޮތުން ބަލާއިރު، މި ބޯޅަ އުފައްދާފައިވަނީ އެންމެ ހަތަރު ޕެނަލް ބޭނުންކޮށްގެންނެވެ. މިއީ ވޯލްޑް ކަޕްގެ ތާރީޚުގައިވެސް ބޯޅައެއްގައި މިހާތަނަށް ބޭނުންކުރި އެންމެ މަދު ޕެނަލް އަދަދެވެ. މި ބަދަލާއެކު، ބޯޅަ ވައިގެ ތެރޭގައި ދަތުރުކުރާއިރު އެންމެ ފުރިހަމަ މިސްރާބާއި ދުވެލި ހިފެހެއްޓޭނެ ކަމުގެ ޔަގީންކަން އެޑިޑާސް އިން ދެއެވެ.
2026 ގެ ވޯލްޑް ކަޕަކީ ގިނަ ގައުމުތަކެއް ބައިވެރިވާ، ތަފާތު ތިން ގައުމެއްގައި ބޭއްވޭ ފުރަތަމަ މުބާރާތަށް ވާއިރު، “ޓްރިއޮންޑާ” ވެގެންދާނީ މި ތާރީޚީ މުބާރާތުގެ އެންމެ މުހިންމު އެއް ބައިވެރިޔާއަށެވެ.

