އައްޑޫ ސިޓީ، ހިތަދޫ އުތުރު ދާއިރާއަކީ އެމްޑީޕީގެ ކިއްލާއެއްގެ ގޮތުގައި އޮތް އޮތުމަށް ނިމުން އަތުވެއްޖެ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމު ފަލާހު ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހު ބޭއްވި ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ވަރަށް ހަނި ގޮތަކަށް އިދިކޮޅު އެމްޑީޕީ ކެންޑިޑޭޓު ކާމިޔާބުކޮށްފައިވާއިރު އެ އިންތިހާބުގައި ޕީއެންސީއަށް ވެސް މޮޅު ލިބުނުކަން ދޭހަ ކުރައްވަމުން ފަލާހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހިތަދޫ އުތުރު ދާއިރާއަކީ އެމްޑީޕީގެ ކިއްލާއެއް ކަމަށް ކުރާ ދައުވާ، މިއަދު ބޭއްވުނު ބައި-އިލެކްޝަނާ އެކު ނިމިއްޖެ ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ހުރިހާ ކެންޑިޑޭޓުންނާ، މުޅި އުމުރުގައި އެދާއިރާގެ މެންބަރުކަންކުރި މުހައްމަދު އަސްލަމާއި ދެންވެސް އެމްޑީޕީގެ ގައުމީ މަޖިލީހާއެކުގައި ހިތަދޫއަށް އަރައިގެންނާއި އެމްޑީޕީއާއި އެކު ކުރާނެ މަސައްކަތެއް ނޯންނާނެކަމަށް ބުނެ އުޅުއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ތާއީދުކުރި ކެންޑިޑޭޓަކު ނެރުނުއިރު، މިއަދު އޮތް އިންތިހާބުގައި ހިތަދޫގައި ބެހެއްޓި ވޯޓް ފޮށިތަކުން އައްޑޫ ރައްޔިތުން ވަނީ ތިން ދައުރަކު އައްޑޫގެ މޭޔަރު ކަންކުރި ސޯދިގު ލަދުވެތި ގޮތަކަށް ބަލިކޮށްލާފައިވާ ކަމަށްވެސް ފަލާހު ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީގެ ލީޑަރޝިޕް ވަނީ ފެއިލްވެފައޭ އައްޑޫ ރައްޔިތުން މި އިންތިހާބުގައި ދެއްކި ނަތީޖާއިން ބުނާހެން ހީވާ ކަމަށް ވިދާޅުވެ ފަލާހު ވަނީ، އައްޑޫއާ މެދު އެމްޑީޕީއިން އިހުމާލުވެފައޭ އެ ރައްޔިތުންގެ ވޯޓުގެ ނަތީޖާއިން ބުނާ ފަދަ ކަމަށެވެ. މީގެ އިތުރުން ނަތީޖާއިން ދައްކުވައިދެނީ، ރައީސް ޔާމީނަށް އައްޑޫ އިން ޖާގައެއް ނެތް ކަންކަމާ ރައްޔިތުން ބުނެދިން ނަތީޖާގެ އަޑަކީ އިދިކޮޅުން ދެން އައްޑޫއަށް ނާރާށޭއޭ ކަމަށްވެސް ފަލާހު ވިދާޅުވެފައިވެއެވެ.
މިއަދު ބޭއްވުނު އިންތިޚާބުގައި ބެހެއްޓި 7 ވޯޓް ފޮށީގެ ތެރެއިން 4 ވޯޓް ފޮށިން ޕީއެންސީގެ ކެންޑިޑޭޓް ބޮޑުތަނުން ކުރި ހޯދާފައިވާކަން ފާހަގަކުރައްވާ ފަލާހުވަނީ އެއީ އައްޑޫގެ ރައްޔިތުންގެ މެދުގައި ޕީއެންސީގެ މަގުބޫލުކަން އޮތް މިންވަރު ހާމަވާކަމެއް ކަމަށްވެސް ވިދާޅުވެފައެވެ. އަދި ރައީސް މުހައްމަދު މުޢިއްޒަށް އޮތް އިތުބާރާއި ލޯބި އެ ނަތީޖާއިން ހާމަވާކަން ފާހަގަކުރައްވާ ފަލާހު ވަނީ 2028 ގައި އައްޑޫ ވެގެންދާނީ ޕީއެންސީގެ ކިއްލާއަކަށް ކަމަށްވެސް ވިދާޅުވެފައެވެ.

