ގދ. ގައްދޫ ކައިރިއަށް މަހަށް ގޮސް އުޅެނިކޮށް ގެއްލުނު ދިވެހި ފިރިހެނަކު މޫދު އަޑީގައި ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ. މި ހާދިސާގައި ނިޔާވެފައި ވަނީ ގދ. ގައްދޫ، އޭޝިޔާ، އިސްހާގު ރަޝީދު (44އ) އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މަސްދޯންޏެއްގައި މަހަށް ގޮސް އުޅުނު މީހަކު ގެއްލިފައިވާ ކަމުގެ މައުލޫމާތު މިއަދު ފަތިހު 05:40 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އޭނާ ހޯދުމަށް ކުރި މަސައްކަތުން، މޫދު އަޑީގައި އޮއްވާ ފެނިގެން މިހާރު ވަނީ ގައްދޫއަށް ގެންގޮސްފައެވެ. ސިއްހީ މަރުކަޒަށް އޭނާ ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް އެ މަރުކަޒުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ގައްދޫ ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި، އިސްހާގު ގެއްލިފައި ވަނީ ގދ. މާވެއްދޫގެ މައިފަރު ބޭރުގައި (އަތޮޅު އެތެރެއަށް ވާ ގޮތަށް) އެންދަމަން ފައިބައިގެން އުޅުމުގެ ތެރޭގައެވެ. އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ރަށުގެ ރައްޔިތުން ގުޅިގެން ވަނީ ކޮށްފައެވެ.
ކައުންސިލުން ވިދާޅުވީ، ހެނދުނު 06:52 ހާއިރު ފުލުހުންގެ ޓީމެއް ޑިސްޕެޗްކޮށް ސާފޭސް ސާޗް ފެށި ކަމަށެވެ. އަދި 07:10 ގައި "ފިޝްމޭން" ދޯނީގައި 17 މީހުންނާއެކު ގައްދޫން މީހުން ފުރި ކަމަށްވެސް ކައުންސިލުން ބުންޏެވެ. އިސްހާގު ހޯދުމަށް ފުރަތަމަ ޑައިވަރުންގެ ޓީމު މޫދަށް ފޭބީ 07:35 ގައެވެ.
އިސްހާގުގެ ހަށިގަނޑު ފެނިފައި ވަނީ ފުރަތަމަ ފޭބި ރަށުގެ ޑައިވަރުންގެ ޓީމަށެވެ. 07:49 ގައި ހަށިގަނޑު މައްޗަށް ނެގިއިރު ވިންދެއް ނެތް ކަމަށް ޓީމުން މައުލޫމާތު ދީފައިވެއެވެ. އޭނާގެ ހަށިގަނޑު ރަށަށް ގެންދެވުނީ 07:58 ހާއިރުއެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ

