ދިވެހިރާއްޖޭގައި ބޭނުންކުރާ ކާބޯތަކެތީގެ ރައްކާތެރިކަން ދަމަހައްޓާ، އެ ތަކެއްޗަކީ ރައްޔިތުންނަށް އިތުބާރުކުރެވޭ ފަދަ ތަކެއްޗަށް ހެދުމަށް ސަރުކާރުން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވަނީ، މިއަދު ފާހަގަކުރަމުންދާ، ދުނިޔޭގެ ކާބޯތަކެތީގެ ރައްކަތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ ޕޯސްޓުގައި ވަނީ، ރާއްޖޭގައި ބޭނުންކުރާ ކާބޯތަކެއްޗަކީ ކެއިންބުއިމުގައި ރައްކާތެރި، ދުޅަހެޔޮ، ތުބާރުކުރެވޭ ފަދަ ތަކެއްޗަށް ހެދުމަށް ސަރުކާރުން ދެގޮތެއްނުވެ މަސައްކަތްކުރައްވަމުން ގެންދަވާނެކަމުގެ ޔަގީންކަން ދިވެހި އެންމެހާ ރައްޔިތުންނަށް ދެއްވާފައެވެ.
ހަމަ އެހެންމެ މިފަދަ ދުވަހެއްގައި ކާބޯތަކެތީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ނައްތާލުމާއި، އާންމު ބަލިތަކުން އަރައިގަތުމާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލުކުރުމަށް ކުރަމުންދާ މަސައްކަތުގެ މުހިއްމުކަން ހަނދާނަށް ގެނައުން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.
އެގޮތުން ކަބޯތަކެތީގެ ޒަރިއްޔާއިން ޖެހޭ ގިނ ބަލިތަކަކީ، ހަރުދަނާ ނިޒާމެއްގެ ތެރެއިން، ދިރާސީ މަޢުލޫމާތުގެ އަލީގައި، މުޖުތަމަޢުގެ ހުރިހާ އެންމެން ގުޅިގެން ކުރެވޭ މަސައްކަތުން ރައްކާތެރިވެވޭނެ ބަލިތަކެއްކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން، ރާއްޖޭގައި ބޭނުންކުރާ ކާބޯތަކެއްޗަކީ، ރައްކާތެރި، ދުޅަހެޔޮ އަދި އިތުބާރުކުރެވޭ ފަދަ ތަކެއްޗަށް ހެދުމަށް ސަރުކާރުން ދެގޮތެއްނުވެ މަސައްކަތްކުރައްވަމުންދާނެކަމަށެވެ. ސަރުކާރުގެ މުހިއްމު ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނު އެކުލަވާލުމާއި، ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ބާވަތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ކާބޯތަކެތީގެ ބާވަތްތައް ޓެސްޓުކުރުމާއި މޮނީޓަރކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރެއވިފައިވާ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ޣައްޒާއާއި ދުނިޔޭގެ އެހެން ސަރަޙައްދުތަކުގައިވެސް ރައްކާތެރި ކާބޯތަކެތިން މަޙުރޫމްވެ ތަޣައްޔަރުވެފައިވާ ފެން ބޭނުންކުރަން މަޖުބޫރުވެ ކާރިސީ ޙާލަތްތަކުގައި ތިބި ހުރިހާ ފަރާތެއްގެ މަތިން ވެސް ރައީސް ވަނީ މި މުނާސަބާގައި ހަނދާން ކުރައްވާފައެވެ. އަދި ގުޅިގެން މިފަދަ މައްސަލަތަކަށް ޙައްލު ގެނައުމަށް މަސައްކަތްކުރެއްވުމަށް އެމަނިކުފާނުވަނީ ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވާލައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހަރުދަނާ ބަދަހި ގުޅުންތަކާއެކު ކުރެވޭ މަސައްކަތާއި، ވަރުގަދަ މިންގަނޑުތަކާއެކު ދުނިޔޭގެ ހުރިހާ އެންމެނަށްވެސް ރައްކާތެރި މުސްތަޤުބަލެއް ކަށަވަރުކުރެވޭނެކަމަށެވެ.

