ގައުމުގައި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ އެންމެންގެ ޒިންމާއެއްކަމަށް ފަސްޓު ލޭޑީ، މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ދެއްވި މެސެޖެއްގައި އެކަމަނާ ވިދާޅުވެފައިވަނީ، ރައްކާތެރި ކާބޯތަކެތި ބޭނުންކުރުމުގައި މުޖުތަމައުގެ ހަމަ ކޮންމެ ފަރުދެއްގެވެސް މުހިންމު ދައުރެއް އޮތްކަމަށާއި، އެކަން ކަށަވަރުކުރުމަކީ އެންމެންގެ ޒިންމާއެއްކަމަށެވެ.
ކާބޯތަކެތީގެ ރައްކާތެރިކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ، ސިއްޙީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން ފުޑް ސައިންޓިސްޓެއްގެ ގޮތުގައި ޚިދުމަތް ކުރައްވާފައިވާ މެޑަމް ސާޖިދާ ވިދާޅުވެފައިވަނީ، ކާބޯތަކެތީގެ ޒަރީއާއިން ފެތުރޭ ބަލިތައް މަދުކުރުމަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސިއްޙީ ނިޒާމަށް އުފުލަންޖެހޭ ބުރަ ކުޑަކުރުމަށްޓަކައި ރައްކާތެރި ކާނާ ބޭނުންކުރުމަކީ ކޮންމެހެން ވެސް މުހިއްމު ކަމަށެވެ. އަދި ދުޅަހެޔޮ ދިރިއުޅުމަކަށްޓަކައި ކާބޯތަކެތީގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަކީ އަސާސީ ކަމެއްގެ ގޮތުގައި އެކަމަނާ ވަނީ ފާހަގަކުރައްވާފައިވެސް މެއެވެ.
ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ހުރިހާ ފަރާތްތަކުންވެސް ގުޅިގެން ކުރަން ޖެހޭ ކަމެއްކަމަށާއި، އެގޮތުން ކާބޯތަކެތި އުފައްދާ، އޭގެ ވިޔަފާރިކުރާ ފަރާތްތަކާއި ސިއްހީ ހިދުމަތްތެރިންގެ އިތުރުން އެތަކެތި ބޭނުންކުރާ މީހުންވެސް އެބޭނުންކުރާ ކާނާގެ ބާވަތްތަކަކީ ރައްކާތެރިގޮތުގައި އުފައްދާ އަދި ތައްޔާރުކޮށް ރައްކާކުރެވިފައި ހުންނަ ބާވަތްތަކެއްކަން ކަށަވަރުކުރުމަކީ މުހިންމުކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ކެއުމަށް ބޭނުންކުރާ ބާވާތްތަކަކީ ތަޣައްޔަރުވެ ސިއްހަތަށް ގެއްލުން ވާފަދަ ތަކެތި ނޫންކަން ކަށަވަރުކުރުމުގައި ކޮންމެ މީހެއްގެ ދައުރެއް އޮންނަކަން ވެސް ފަސްޓް ލޭޑީ ފާހަގަކުރެއްވިއެވެ.
ޢާންމު ސިއްޙަތު ރައްކާތެރިކޮށް، އަންނަން އޮތް ޖީލުތަކަށް ދުޅަހެޔޮ މުސްތަޤްބަލެއް ބިނާކޮށްދެވޭނީ ކާބޯތަކެތީގެ ރައްކާތެރިކަމަށް އެންމެން އެކުގައި މަސައްކަތް ކޮށްގެންކަން ފާހަގަކުރައްވާ، އެކަމަނާ ވަނީ ކޮންމެ މީހަކުވެސް އެމީހެއްގެ ފަރުދީ ޒިންމާ އަދާކުރުމަށް އިލްތިމާސްކުރައްވާފައެވެ.

