މި ހަފްތާގެ ހޯމަ ދުވަހު ކުރިން ފަށަން އޮތް ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ޖަލްސާތައް ފަސްކޮށްފިއެވެ.
މި އަހަރުގެ ދެވަނަ ދައުރު ފެށީ، މިދިޔަ ހޯމަ ދުވަހު ކަމަށްވާއިރު، އެ ދުވަހުގެ ޖަލްސާއަށް ފަހު ހަފުތާއަކަށް މަޖިލީހުގެ ޖަލްސާތައް ވަނީ މެދުކަނޑާލާފައެވެ.
އެ ދުވަހުގެ ޖަލްސާ ނިންމަވައިލައްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله ވިދާޅުވީ، މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ މި ހަފުތާގެ ހޯމަ ދުވަހު ކަމަށެވެ.
ނަމަވެސް މަޖިލީހުގެ އިދާރާއިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި މިއަދު ބުނީ، އެ މުއްދަތު އިތުރު ހަފުތާއަކަށް އިތުރުކޮށްފައިވާ ކަމަށެވެ. އަދި، މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ އަންނަ ހަފުތާގެ ހޯމަ ދުވަހު ކަމަށް އެ އިދާރާއިން ބުންޏެވެ.
މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، ކޮންމެ އަހަރެއްގައި ވެސް މަޖިލިސް ޖަލްސާތައް ބާއްވަނީ ތިން ދައުރަކަށް ބަހާލައިގެންނެވެ. މަޖިލީހުގެ ގަވައިދު ބުނާ ގޮތުން، މި ދައުރުގެ ޖަލްސާތައް އަންނަ އޮގަސްޓު 15ގެ ނިޔަލަށް ކުރިއަށް ދާނެއެވެ. އޭގެ ފަހުން ދޮޅު މަހުގެ ޗުއްޓީއަކަަށް ދިއުމަށް ފަހު އަހަރުގެ ފަހު ދައުރުގެ ޖަލްސާތައް މަޖިލީހުން ބާއްވާނީ އޮކްޓޯބަރުން ނޮވެމްބަރަށެވެ.

