1447 ވަނަ އަހަރުގެ ޙައްޖުގެ މަތިވެރި އަޅުަކން އަދާކުރަން ރާއްޖެއިން މައްކާއަށް ދިޔަ ޙައްޖާޖީންނަށް ޚާއްސަކޮށް ފްލޫ ކްލނިކެއް ގާއިމުކޮށްފިއެވެ.
މިއަހަރުގެ ޙައްޖުގެ އަޅުކަން ނިންމުމަށްފަހު އެނބުރި ރާއްޖެ އަންނަ ޙައްޖުވެރިންގެ ތެރެއިން ރޯގާގެ އަލާމާތްތައް ފެންނަ މީހުންނަށް ފަރުވާ ދިނުމަށް ގާއިމުކުރި އެ ކްލިނިކު ހުންނާނީ، ހުޅުމާލޭ ހޮސްޕިޓަލުގައިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކުރައްވާފައިވާ ގޮތުގައި، ހުޅުމާލޭ ހޮސްޕިޓަލުގެ މައި ކައުންޓަރ ސަރަޙައްދުގައި ހުޅުވި އެ ކްލިނިކުން، ހުކުރު ދުވަސް ފިޔަވައި ހުރިހާ ދުވަހެއްގެ ވެސް މެންދުރުފަހު 2:00އިން ރޭގަނޑު 10:00އަށް ޚިދުމަތް ލިބޭނެ އެވެ. ކްލިނިކަށް ދައްކަންދާ ފަރާތްތަކުން މާސްކު އެޅުމަށް އެ އިދާރާއިން އިރުޝާދު ދީފައި ވެއެވެ.
ހުންއައިސް ރޯގާގެ އަލާމަތްތައް ހުންނަ ފަރާތްތަކުން ހުޅުމާލެ ހޮސްޕިޓަލުގެ މައި ދޮރާށިކައިރީގައި ބެހެއްޓިފައިވާ ސްކްރީން ޑެސްކަށް ވަޑައިގެންނެވުމަށް އިރުޝާދުދީފައިވެސް ވެއެވެ.
ޙައްޖުން އަންނަތާ 14 ދުވަހގެ ތެރޭގައި ހުންއައުން، ކެއްސުން ނުވަތަ ނޭވާލާން އުނދަގޫވުން ފަދަ ކަމެއް ދިމާވެއްޖެނަމަ ލަސްނުކޮށް ފަރުވާ ހޯދުމަށް ސިއްހީ މާހިރުން ލަފާދެއެވެ. އަދި ބަލީގެ އަލާމާތް ހުންނަ މީހުން، ގޭގައި އުޅޭ މާބަނޑު މީހުންނާއި ދިފާޢީ ނިޒާމު ބަލިކަށި މީހުންނާ ގައިގޯޅިވެ ނޫޅުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

