ސްޓްރެސް ނުވަތަ ހާސްވެ ކަންބޮޑުވުމަކީ ހަގީގަތުގައި ހިތަށާއި ސިކުނޑިއަށް ކުރާ ބާރެކެވެ. މިއީ ހަމައެކަނި ހާސްވުމެއް ނޫނެވެ. މިއީ ދިރިއުޅުމުގައި ދިމާވާ ހާދިސާއެއްގެ ސަބަބުން ހަށިގަނޑު ވަކި ކަމަކަށް ޑިމާންޑް ކުރުމަށް ކިޔާ ނަމެކެވެ. މިފަދަ ކަމެއް ދިމާވުމުން ހަށިގަނޑު އެކަމަށް އިޖާބަދޭން ފަށާ އިރު، މީގެ ސަބަބުން އިންސާނާގެ ހަށިގަނޑަށް ބޮޑެތި އަސަރުތަކެއް ކުރެއެވެ.
ކަމަކަށް ބިރުގަތުމުން ނުވަތަ ނުރައްކަލެއް ކުރިމަތިވުމުން ހަށިގަނޑުގެ ހިއްސުތައް ހޭލައްވައިގަނެއެވެ. ލޭގެ ތެރެއަށް ހޯރމޯންސްތައް އިތުރުވެ، ނޭވާލުން އަވަސްވެ، ހިތުގެ ވިންދު އަވަސްވެއެވެ.
މިއީ ނުރައްކަލުން ސަލާމަތްވުމަށް ހަށިގަނޑު ތައްޔާރުވާ ތަބީއީ ގޮތެވެ. ނަމަވެސް މި ބިރުވެރިކަމުން ސަލާމަތްނުވެ އަބަދު ހާސްވެ ކަންބޮޑުވުމުގައި ހުންނަން ޖެހުމަކީ “ޑިސްޓްރެސް” އެވެ. ސްޓްރެސްގެ މައިގަނޑު ތިން ވައްތަރެއް ފާހަގަކުރެވެއެވެ. އެއީ އަމިއްލައަށް ހައްލުކުރެވޭ ސްޓްރެސް، ހަށިގަނޑުގެ ތެރޭގެ ސްޓްރެސް އަދި މާހައުލުގެ ސަބަބުން ކުރިމަތިވާ އެންވައަރމެންޓަލް ސްޓްރެސްއެވެ.
ހާސްވެ ކަންބޮޑުވުން މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި
- އާއިލީ މައްސަލަތައް،
- ފައިސާގެ ދަތިކަން،
- ވަޒީފާގެ މާހައުލުގެ މައްސަލަތައް
- ގާތް މީހަކު ވަކިވުން ފަދަ ހިތާމަވެރި ހާދިސާތައް ހިމެނެއެވެ.
ސްޓްރެސްވުމުން ފެންނަ އަލާމާތްތަކުގެ ތެރޭގައި
- ލޭގެ ޕްރެޝަރު މައްޗަށް ދިއުން،
- ނިދިނައުން، ބޯއެނބުރުން،
- އަވަހަށް ރުޅިއައުން ހިމެނެއެވެ.
- މީގެ އިތުރުން މާގިނައިން ކެއުން ނުވަތަ ކެއުމާ ދުރުވުމާއި، މީހުންނާ އެކަހެރިވުން ފަދަ ބަދަލުތައް އިންސާނާގެ އުޅުމަށް އާދެއެވެ.
ސްޓްރެސް އަކީ އަމިއްލައަށްވެސް ހައްލުކުރެވިދާނެ ކަމެކެވެ.
އެގޮތުން ގަވާއިދުން ކަސްރަތުކުރުމާއި، ފައިދާހުރި ކާނާ ބޭނުންކުރުމާއި، އިތުބާރުކުރެވޭ މީހަކާ މަޝްވަރާކޮށް ހިތުގެ ޝުއޫރުތައް ބަދަލުކުރުމަކީ މުހިއްމު ކަންކަމެވެ.
ބައެއް މީހުން ދުންފަތުގެ އިސްތިއުމާލުކުރުމާއި މަސްތުވާތަކެތިން މިކަން ހައްލުކުރަން އުޅުނަސް، ދިރާސާތަކުން ދައްކާ ގޮތުގައި އެފަދަ ތަކެތީގެ ސަބަބުން ހާސްވެ ކަންބޮޑުވުން ހައްތަހާ އިތުރުވެއެވެ.
އަމިއްލައަށް ކޮންޓްރޯލް ނުކުރެވޭނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ އެންމެ ބުއްދިވެރި ގޮތެވެ.

