މުޅި ދުނިޔޭގެ ކުރިމަގު އުޖާލާކުރުމަށްޓަކައި ރައްކާތެރި އަދި ދުޅަހެޔޮ ކަނޑުތަކެއް ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ މެސެޖުގައި ދިވެހިންނާއި ކަނޑުތަކާ ދެމެދު އޮތް ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ، ކަނޑުތަކަށް ކުރާ ކޮންމެ ނޭދެވޭ އަސަރަކީ ރާއްޖޭގެ އިގްތިސޯދަށާއި، ކާބޯތަކެތީގެ ރައްކާތެރިކަމުގެ އިތުރުން ދެމެހެއްޓެނިވި ތިމާވެއްޓަށް ކުރިމަތިވާ ގޮންޖެހުމެއް ކަމަށެވެ. ޚާއްސަކޮށް ދިވެހިންގެ ދިރިއުޅުން ކަނޑުތަކާ ސީދާ ގޮތުން ގުޅިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކަނޑުތަކުގެ ރައްކާތެރިކަމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ، “ދިވެހީންގެ ސީދާ ދިރިއުޅުމާއި ގުޅިފައިވާ ކަނޑުތަކުގެ ރައްކާތެރިކަމަށްޓަކައި ރާއްޖެއިންދަނީ ދެމެހެއްޓެނިވި މަސްވެރިކަމާއި ވަރުގަދަ ކަނޑުގެ ދިރާސާތަކާއި ފަރުތަކުގެ ހާލަތު ބެލެހެއްޓުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރަމުން. މުރަކަ އާލާކުރުމާއި ދިރާސާގެ މައްޗަށް ބަރޯސާވާ ފިޔަވަޅުތަކެއް މޫސުމީ ބަދަލުތަކާއި ދެކޮޅަށް އަޅަމުން،” ކަމަށެވެ.
މީގެއިތުރުން، ކަނޑުތައް ހޫނުވުމާއި، މުރަކަ ހުދުވުމުގެ އިތުރުން ރަށްގިރުމުގެ މައްސަލަތައް ކަންބޮޑުވާ މިންވަރަށް އިތުރުވަމުންދާކަން ފާހަގަކުރައްވައި، ބައިނަލްއަގްވަމީ މުޖުތަމައުން މިހާރަށްވުރެ ހަރުދަނާ އަދި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ. އަދި އެންމެންގެ ކުރިމަގަށްޓަކައި އެކުގައި މަސައްކަތް ކުރުމުގެ އަޒުމް އާކުރުމަށްވެސް އެމަނިކުފާނު ބާރުއެޅުއްވިއެވެ.
ކޮންމެ އަހަރެއްގެ ޖޫން މަހުގެ 8 ވަނަ ދުވަހަކީ ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. މިއަހަރުގެ މި ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ “ރީ އިމޭޖިން. ބިއޯންޑް ދަ ވޯލްޑް ވީ ނޯ، އަ ނިއު ރިލޭޝަންޝިޕް ވިތް އަވާ އޯޝަން” މިއެވެ.

