ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއަރައިގެން ދިޔަ މިންވަރަށް ސަޕްލައިޗެއިން ނިޒާމު ތަރައްޤީ ނުވުމަކީ ބޭސް ލިބުމުގައި ދަތިތައް ކުރިމަތިވާ އެންމެ ބޮޑު ސަބަބު ކަމަށް ދައުލަތުގެ ބޭސް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރު ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްތީގަތުމެއްގައި ޝާހް ވިދާޅުވީ، ހޮސްޕިޓަލްތަކުން ދޭ ފަރުވާތައް ޒަމާނީވެފައިވީ ނަމަވެސް، އެ ތަންތަން ހިންގަން ބޭނުންވާ ވަށައިގެންވާ ނިޒާމުތައް އެއްވަރަކަށް ތަރައްޤީވެފައި ނުވާ ކަމަށެވެ.
ބޭސް ލިބުމުގެ ދަތިތައް ހައްލުކުރުމަށް އުފެއްދި ކުންފުނީގެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝާހް ވިދާޅުވީ، މިދިޔަ އެޕްރީލް މަހުން ފެށިގެން ބޭސް ސިޓީތަކަށް ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް 1000 އަށްވުރެ ގިނަ ބޭސް ސިޓީއަށް ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
ބޭސް އެތެރެކުރުމުގައި ހުރި ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން ޝާހް ވިދާޅުވީ، ވަކި ފިނިހޫނުމިނެއްގައި ބަހައްޓަންޖެހޭ ބޭސްތައް ގެނައުމުގައާއި، ބޭރުގެ ބާޒާރުން ހާއްސަ ބޭސްތައް ހޯދުމުގައި ދަތިތަކެއް ހުރި ކަމަށެވެ. އަދި ރާއްޖޭގައި ބޭނުންކުރާ ބޭހުގެ ތެރެއިން އެސްޓީއޯގައި ރަޖިސްޓްރީކޮށްފައިވަނީ އެންމެ 25 އިންސައްތަ ބޭސް ކަމަށްވުމީވެސް ނިޒާމީ ގޮތުން ހުރި ހުރަހެއް ކަމަށް އޭނާ ވިދާޅުވިއެވެ.
“މީގެ ދާއިމީ ހައްލަކީ ރާއްޖޭގައި ބޭނުންކުރާ ހުރިހާ ބޭހެއްވެސް ޑިސްރަޕްޓްނުވާނެހެން ސްޓޮކްކޮށްފައި ބެހެއްޓުން. އެއީ ދުރުރާސްތާގައި ދެމެހެއްޓެނިވި ގޮތަކަށް މިކަން ކުރެވޭނެ ގޮތަކީ،” ޑރ. ޝާހް މާހިރު ވިދާޅުވިއެވެ.
މި މައްސަލަތައް ހައްލުކުރުމަށްޓަކައި ބޭސް އުފައްދާ ފަރާތްތަކާ ވާހަކަދައްކައިގެން ސްޓޮކް މެއިންޓެއިން ކުރުމާއި، އެކި އިދާރާތަކުގެ މެދުގައި ބޭހުގެ ކޯޑުތައް އެއްހަމަކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. ޑރ. ޝާހް ވިދާޅުވި ގޮތުގައި މިހާރު ކުރަމުންދާ މަސައްކަތްތަކުގެ އަމަލީ ނަތީޖާ ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ރައްޔިތުންނަށް ފެންނަން ފަށާނެއެވެ.

