މިދިޔަ ރަމަޟާން މަހުން ފެށިގެން މިހާތަނަށް ޖަލަށް މަނާތަކެތި އެތެރެކުރުމަށް ބޭނުންކުރި ފަސް ޑްރޯނެއް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ހާމަކުރައްވައިފިއެވެ. ޕީއެސްއެމް ނިއުސްގެ “ރާއްޖެ މިއަދު” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ކޮމިޝަނަރ ވިދާޅުވީ، މި ތަކެތި އަތުލައިގަނެވުނީ ޖަލުގެ ސެކިއުރިޓީ ބަލަހައްޓާ އޮފިސަރުންގެ ހުޝިޔާރުކަމުން ކަމަށެވެ.
ކޮމިޝަނަރ ޒަރީރު ފާހަގަކުރެއްވި ގޮތުގައި، ޖަލަށް ތަކެތި ވެއްދުމަށް މިހާރު ބޭނުންކުރަނީ އަޑު މަޑު ޒަމާނީ ޑްރޯންތަކެކެވެ. މިފަދަ ވަސީލަތްތައް ހުއްޓުވުމަށް ބޭނުންވާ ޓެކްނޮލޮޖީ މިވަގުތު ޖަލުތަކުގައި ގާއިމުވެފައި ނެތް ނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމާއެކު މިކަމަށް އަވަސް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. “މިދިޔަ ރަމަޟާން މަހުން ފެށިގެން މިއަދާހަމައަށް 5 ޑްރޯން އަޅުގަނޑުމެން ހިފަހައްޓައިފިން،” ކޮމިޝަނަރ ވިދާޅުވިއެވެ.
ޖަލުތަކުގެ ސެކިއުރިޓީއާ މެދު އާންމުންގެ ކަންބޮޑުވުންތަކެއް ހުރިކަން ގަބޫލުކުރައްވަމުން ކޮމިޝަނަރ ވިދާޅުވީ، ވޭތުވެދިޔަ ދިގު މާޒީގައި ޖަލުތަކުގެ ރައްކާތެރިކަން އިތުރުކުރުމަށް އެދެވޭ މަސައްކަތްތަކެއް ކުރެވިފައި ނުވާ ކަމަށެވެ. ޚާއްޞަކޮށް ޖަލުގައި ތިބެގެން ކުރާ ސްކޭމް ކުށްތަކާއި، ފޯނާއި މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް މިހާރު އަންނަނީ އާ ވަސީލަތްތައް ގާއިމުކުރަމުންނެވެ.
މިގޮތުން، މިއަހަރުގެ ފެބުރުވަރީ މަހު މާފުށީ ޖަލުގައި ބޮޑީ ސްކޭނަރެއް ބަހައްޓާފައިވާއިރު، ބަގޭޖް ސްކޭން ކުރާ ސިސްޓަމްތައް އިންސްޓޯލްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. މި މަސް ނިމުމުގެ ކުރިން އެ ސިސްޓަމްތަކުގެ ބޭނުން ކުރަން ފެށޭނެ ކަމަށް ކަރެކްޝަންސްއިން މައުލޫމާތުދެއެވެ.
ޖަލުތަކުގެ ނިޒާމަށް ދާއިމީ ހައްލެއް ގެނައުމުގެ ގޮތުން ސެންޓްރަލް ޖަލެއް ގާއިމުކުރުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ. މީގެ ބޭނުމަކީ ޖަލުތަކުގެ ޖާގައިގެ ދަތިކަން ހައްލުކޮށް، ކުށްކުރުން ހުއްޓުވޭނެ ފަދަ ވަރުގަދަ ނިޒާމެއް ބިނާކުރުން ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވިއެވެ.

