މާލޭގެ އުތުރުފަރާތުން، ބޮޑުތަކުރުފާނު މަގުގެ އެއްގަމު ތޮށީގެ ކެޕިން މަސައްކަތުގެ 70 އިން ސައްތަ ނިމިއްޖެއެވެ.
އެ މަސައްކަތުގެ ކޮންޓްރެޓަރ ކަމުގައިވާ މޯލްޑިވްސް ޓްރޭޑިން އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، (އެމްޓީސީސީ) އިން، އެ މަގުގެ މިހާރު ކުރިއަށްދާ މަސައްކަތްކަމަށްވާ ސެގްމަންޓް2،3 އަދި 4 މަސައްކަތުގެ އަދާހަމަ ހިއްސާކޮށް ހާމަކޮށްފައިވާ ގޮތުގައި، އެއްގަމު ތޮށީގެ ކެޕިން މަސައްކަތުގެ 70 އިންސައްތަ (463 މީޓަރު) މިހާރު ވަނީ ނިމިފައިވެއެވެ.
އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، މީގެ ތެރޭގައި ތާވަލާ އެއްގޮތަށް މި ހަފްތާގެ ތެރޭގައި ނިންމާލި 150 މީޓަރުގެ ކޮންކްރީޓް މަސައްކަތް ވެސް ހިމެނޭ ކަމަށެވެ. އަދި މީގެ އިތުރުން، ނަރުދަމާ އާއި ފެން ހޮޅީގެ އާ ގުޅުންތައް ގާއިމުކުރުމުގެ މަސައްކަތުގެ %87 މިހާރު ވަނީ ނިމިފައެވެ. އަދި މި ހަފްތާގެ ނިޔަލަށް އެ މަސައްކަތް އެއްކޮށް ނިންމާލުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
މަޝްރޫއުގައި ހިމެނޭ އެހެނިހެން މުހިންމު ބައިތައް ކަމަށްވާ ޕޭވްމަންޓް ހެދުމާއި، މައި ފެން ހޮޅި ވަޅުލުމާއި، ކާބްސްޓޯން ޖެހުމާއި، ކެޗްޕިޓް ހެދުމުގެ އިތުރުން ކޭބަލް ޖަންކްޝަންތައް ބެހެއްޓުމާއި މަގުގެ ސަބް-ގްރޭޑިން މަސައްކަތްތައް ވެސް ހުއްޓުމެއްނެތި ކުރިއަށް ދާކަމަށް ވެސް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.
ބޮޑުތަކުރުފާނު މަގު ތާރު އަޅައިގެން އަލުން ހެދުމަށް ކުރިއަށްގެންދާ މި މަޝްރޫއުގައި އެންމެ ފުރަތަމަ ނިންމީ އެމްއެމްއޭ ސަރަހައްދާ ރަސްމީ ފާލަމާ ދެމެދު، ފަޅުތެރެއިން ބައެއް ހިއްކައިގެން، ހަތަރު ލޭނަށްވާ ގޮތަށް މަގު ފުޅާކޮށް ތާރު އަޅައިގެންނެވެ. އެ ސަރަހައްދު ނިންމައި ހުޅުވީ މިދިޔަ ޑިސެމްބަރު މަހުގައެވެ.
ދެ ވަނަ ސެގްމެންޓުގައި، ބޮޑުތަކުރުފާނު މަގުގެ އެމްއެމްއޭ ކައިރިން މާލޭގެ އަތޮޅު ފިހާރަތަކާ ހަމައަށް މަގު ފުޅާކޮށް، ތާރުއަޅާ މަގު ހެދުމުގެ މަސައްކަތް ނިންމައި އެ ސަރަހައްދު ހުޅުވީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ފެއްޓެވީ މާލޭއަށް އިތުރު ތަރައްގީ ގެނައުމަށްޓަކައެވެ.
މަގު ޒަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތް ފެށީ އޮގަސްޓް 21 ގައެވެ. ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ތެރޭގައި ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން ހަތަރު ލޭނަށް ފުޅާކުރުމާއި 830 މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމާއި (ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް) ދުވާރުތައް ހެދުމުގެ އިތުރުން ފެން ހިންދާ ނިޒާމް ގާއިމުކުރުންް ހިމެނެއެވެ. އޭގެ އިތުރުން ރޯޑް މާކިން އަދި ސައިން ބޯޑް ހަރުކުރާނެއެވެ.

