ރާއްޖޭގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު (އާރުޓީއައި) 2014 ވަނަ އަހަރު ތަސްދީގުކުރި ފަހުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ސަރުކާރުގެ ހުރިހާ ވުޒާރާތަކުން މައުލޫމާތު ހާމަކުރުމުގެ މިންގަނޑުތަކަށް %100 އިޖާބަދީ، ހުރިހާ މައުލޫމާތެއް ހާމަކުރެވުމަކީ ދެފުށް ފެންނަ ގޮތަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އާރުޓީއައި ގާނޫނުގެ ދަށުން ދައުލަތުގެ އިދާރާތަކުން އަމިއްލަ އިސްނެގުމުގައި އާންމުކުރަން ޖެހޭ މައުލޫމާތު، އެ ގާނޫނު ތަންފީޒު ކުރަން ފެށި ފަހުން ފުރަތަމަ ފަހަރަށް ހުރިހާ މިނިސްޓްރީއަކުން އިއްޔެ ވަނީ އާންމުކޮށްފައެވެ. މި މައުލޫމާތުތަކުގެ ތެރޭގައި އެ އިދާރާއަކަށް ކަނޑައެޅިފައިވާ ބަޖެޓާއި، ކުރަން ރާވާފައިވާ މަސައްކަތްތަކާއި، ހަރަދުތަކުގެ ތަފުސީލުގެ އިތުރުން، މުވައްޒަފުންނަށް ވަކިވަކިން ދެވޭ އުޖޫރައާއި އިނާޔަތްތައް ހިމެނެއެވެ.
މިކަމާ ގުޅިގެން ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މީގެ ކުރިން އާންމުންނަށް ލިބުމުގައި ދަތިތަކެއް ހުރި ގިނަ މައުލޫމާތުތަކެއް މިހާރު އާންމުކުރެވިފައިވާ ކަމަށެވެ. މިއީ ސަރުކާރުގެ ދެފުށް ފެންނަ މިންވަރު އިތުރުކުރުމަށާއި، ދައުލަތުގެ އިދާރާތައް ޖަވާބުދާރީ ކުރުވުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
“ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމަކީ ހަމައެކަނި ސިޔާސީ މަގްސަދެއް ނޫން. މި ސަރުކާރުން ގަބޫލުކުރަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަކީ އާންމުންގެ އިތުބާރު ދެމެހެއްޓުމަށާއި، ޑިމޮކްރެޓިކް ނިޒާމެއް ހަރުދަނާކުރުމަށް ކޮންމެހެން ބޭނުންތެރި އަސާސެއް ކަމަށް،” ރައީސް ވިދާޅުވިއެވެ.
މި ތާރީހީ ލަނޑުދަނޑި ހާސިލުކުރުމަށް މަސައްކަތްކުރެއްވި ހުރިހާ މުއައްސަސާތަކަށާއި ސަރުކާރުގެ އޮފިޝަލުންނަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް، ސަރުކާރުގެ ނިންމުންތަކާއި މަސައްކަތްތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް މަޢުލޫމާތު ފޯރުކޮށްދިނުން އިތުރަށް ހަރުދަނާ ކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

