ހދ. މަކުނުދޫގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ އެއާޕޯޓުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ. މިއީ އެ ރަށުގެ ރައްޔިތުން ގިނަ ދުވަސްތަކެއް ވަންދެން ކުރަމުން އައި އުންމީދުތަކާ ގުޅިފައިވާ މުހިންމު މަޝްރޫއެކެވެ.
މަކުނުދޫއަކީ އަތޮޅުގެ އެހެން ރަށްތަކާ އެކަހެރިކޮށް އޮންނަ ރަށަކަށް ވެފައި، އެ ސަރަހައްދުގެ ކަނޑުތަކަކީ އާންމުކޮށް ގަދަ ސަރަހައްދަކަށް ވުމުން، ދަތުރުފަތުރުގެ ދަތިކަން އެ ރަށު ރައްޔިތުންނަށް ވަނީ ވަރަށް ބޮޑަށް ކުރިމަތިވެފައެވެ. ވަކިން ހާއްސަކޮށް ސިއްހީ ކުއްލި ހާލަތްތަކުގައި ބަލި މީހުން އުފުލުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާތީ، އެރަށުގައި އެއާޕޯޓެއް އޮތުމަކީ ރައްޔިތުންގެ އެންމެ ބޮޑު އެދުމެވެ.
މި މަޝްރޫއުގެ ދަށުން ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ބިގް ފިޝް މޯލްޑިވްސްއާ ހަވާލުކޮށްގެން ފެށީ 2023 ވަނަ އަހަރުގައެވެ. އެގޮތުން އެއާޕޯޓް ތަރައްޤީކުރުމަށްޓަކައި 43.12 ހެކްޓަރުގެ ބިން މިހާރު ވަނީ ހިއްކާ ނިންމާފައެވެ. އަދި ހިއްކި ސަރަހައްދު ހިމާޔަތްކުރުމަށް 3,493 މީޓަރުގެ ރިވެޓްމަންޓެއް ވެސް ވަނީ ޖަހާފައެވެ.
އެމްޓީސީސީން މިހާރު ކުރިއަށްގެންދަނީ އެއާޕޯޓް އިމާރާތްކުރުމުގެ ފުރަތަމަ މަރުހަލާގެ މަސައްކަތްތަކެވެ. މީގެ ތެރޭގައި ސައިޓް ސެޓަޕް ހެދުމާއި، ފަޔަރ ސްޓޭޝަން އެޅުމަށް ބޭނުންވާ ސަރަހައްދު ސާފުކުރުމާއި ބިން ކޮނުމުގެ މަސައްކަތްތައް ހިމެނެއެވެ.
މަކުނުދޫ އެއާޕޯޓް ކުރިން ފަރުމާކޮށްފައިވަނީ 1,500 މީޓަރުގެ ރަންވޭއަކާއެކު ނަމަވެސް، ރައްޔިތުންގެ އެދުމުގެ މަތިން ރަންވޭގެ ދިގުމިން 1,800 މީޓަރަށް ބޮޑުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ 2024 ވަނަ އަހަރު އެރަށަށް ކުރެއްވި ދަތުރުފުޅުގައި ވިދާޅުވެފައެވެ. މި އެއާޕޯޓް ނިމުމުން ހިންގުމަށް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއެވެ.
ހދ. އަތޮޅުގައި މިހާރު ހިދުމަތް ދެމުންދަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި ކުޅުދުއްފުށީ އެއާޕޯޓެވެ. މަކުނުދޫ އެއާޕޯޓާއެކު އެ އަތޮޅުގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

