ރާއްޖެއިން އިގްތިސޯދަށް ގެނައި ކުރިއެރުމާއެކު، ގައުމީ ބޭންކް ބީއެމްއެލްގެ މާލީ ދުޅަހެޔޮކަން ފިޗުން ބަލައިގެންފިއެވެ.
އެގޮތުން، ބީއެމްއެލްގެ މާލީ ވަރުގަދަ ކަމާއި، މާކެޓުގައި އޮތް އިސް މަގާމާއި، ގޮންޖެހުންތަކުން އަރައިގަތުމުގެ ގާބިލުކަން ބަލައިގަނެ، ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިންގ އެޖެންސީ ފިޗް ރޭޓިންގްސް އިން އެ ބޭންކަށް ކްރެޑިޓް ރޭޓިންގްއެއް ވަނީ ދީފައެވެ.
ފިޗުން ވަނީ ބީއެމްއެލްގެ ލޯންގް-ޓާރމް އިޝުއަރ ޑިފޯލްޓް ރޭޓިންގް، “ސީސީސީ- ގެ ގޮތުގައި ކަނޑައަޅާފައެވެ. އަދި އެ ބޭންކުގެ އައުޓްލުކް “ސްޓޭބަލް” ނުވަތަ އެއްވަރެއްގައި ހިފެހެއްޓިފައިވާ ހާލަތެއްގައި ކަމަށް ކަނޑައަޅާފައިވެސް ވެއެވެ.
މީގެ އިތުރުން، ބޭންކުގެ ލޯކަލް ކަރަންސީ ލޯންގް-ޓާމް އައިޑީއާރު، ދައުލަތުގެ ސޮވަރިން ރޭޓިންގްއަށްވުރެ ދެ ދަރަޖަ މަތީ ރޭޓިންގްގެ ގޮތުގައި ކަނޑައަޅާ “ސީސީސީ+” ކަމަށް ނިންމާފައިވެއެވެ.
މިއިން ރޭޓިން އިން ދައުލަތުގެ މާލީ ހާލަތާ އަޅާބަލާއިރު ބޭންކުގެ އަމިއްލަ މާލީ ދުޅަހެޔޮކަން ވަރުގަދަ ކަން ފާހަގަކުރެވެއެވެ.
މި ރޭޓިންގް ދީފައިވަނީ، އޭޕްރީލް 2026 ގައި ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކް ރާއްޖެއިން ކާމިޔާބުކަމާއެކު އަދާކުރުމާ ގުޅިގެން، ރާއްޖޭގެ ސޮވަރިން ރޭޓިންގް “ސީސީ” އިން “ސީސީސީ-“އަށް ފިޗުން މަތިކުރުމާ ގުޅިގެންނެވެ.
ރާއްޖޭގެ ރޭޓިންގް މަތިކުރުމުގައި ސަރުކާރުން އާމްދަނީ އިތުރުކުރުމަށް ފެށި އިސްލާހީ މަސައްކަތްތަކާއި ބޭރު ފައިސާގެ ގާނޫނަށް ގެނައި ބަދަލުތައް މުހިއްމު ދައުރެއް އަދާކޮށްފައިވެއެވެ.
ފިޗުން ވަނީ ދިވެހި ބޭންކިންގް ދާއިރާގައި ބީއެމްއެލްގެ އޮތް ބޮޑު ހިއްސާއާއި، ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފޯރުކޮށްދޭ ފުޅާ ޚިދުމަތްތަކާއި، ވާދަވެރި މާކެޓެއްގައި އޮތް ވަރުގަދަ މަގާމު ފާހަގަކޮށްފައެވެ. އެ ބޭންކަކީ މުޅި ރާއްޖެއަށް ފެތުރިފައިވާ ނެޓްވޯކަކާއި ޒަމާނީ ޑިޖިޓަލް ބޭންކިންގް ވަސީލަތްތައް މެދުވެރިކޮށް އާންމު ފަރުދުންނާއި، ވިޔަފާރިތަކަށް މެދުނުކެނޑި ޚިދުމަތް ދެމުންދާ ބޭންކެކެވެ.
ހަމަ އެހެންމެ ބޭންކުގެ ރޭޓިންގ ވަރުގަދަވުމުގެ އެއް ސަބަބެއްގެ ގޮތުގައި ފިޗުން ފާހަގަކޮށްފައިވަނީ ބޭންކުގެ ރައުސްމާލު ވަރުގަދަވުމެވެ. މިއީ ބޭންކުގެ އަމިއްލަ ހިންގުމުގެ ތެރެއިން ރައުސްމާލު އިތުރުކުރުމުގެ ގާބިލުކަމާއި، ހަރުދަނާ ރިސްކް މެނޭޖްމަންޓް ސިޔާސަތުތަކާއި، ގައުމުގެ އިގުތިސާދަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދެމުންވެސް މާލީ ރައްކާތެރިކަން ދެމެހެއްޓުމުގެ ގާބިލުކަން ހުރިކަން ހާމަކޮށްދޭ ކަމެކެވެ.
ރާއްޖެއަށް ލިބުނު މި ރޭޓިންގްތަކުން ދޭހަވަނީ ސަރުކާރުން އަޅަމުންދާ އިގުތިސާދީ ފިޔަވަޅުތަކާއި މާލީ ނިޒާމަށް ގެންނަ ހަރުދަނާ ބަދަލުތައް ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ބަލައިގަންނަމުންދާ ކަމެވެ.
މާލީ ގޮތުން ދަތުރު ކުރެވުނު މި އުސްމިނާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވި ގޮތުގައި، ފިޗްގެ މި ވަޒަންކުރުމަކީ ބޭންކުގެ މާކެޓް ލީޑަރޝިޕާއި، މާލީ ގޮތުން ދައްކަމުންދާ ހަރުދަނާ ނަތީޖާތަކާއި، ކުދި ޖަޒީރާ ގައުމެއްގެ އިގުތިސާދުގައި ހުރި ގޮންޖެހުންތަކާ އެކުވެސް ކުރިއަށްދިއުމުގެ ގާބިލުކަން ބަލައިގަތުމެވެ.

