ކުރިއަށް އޮތީ މޫސުން ގޯސް ވިއްސާރަ ދުވަސްތަކަކަށް ވާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ، މޫސުމާ ބެހެ ގައުމީ އިދާރާއިން މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވާތީ، ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން ދަތުރުފަތު ކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް އިރުޝަދު ދެއްވާފައެވެ. އެގޮތުން ދަތުރުފަތުރުތައް ކުރާއިރު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފައިވެއެވެ.
އެގޮތުން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމާާއި މޫސުމީ ސަމާލުތަކާއި އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ. އަދި އުޅަނދަށް ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް މީހުންނާއި މުދާ ނޭރުވުމަށް ވެސް އިރުޝާދުދީ ލަފާ އަރުވަފައިވެއެވެ.
ފުލުހުން ވަނީ ޒަރޫރީ ބޭނުންތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި އުޅަނދުގައި ސަލާމަތީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށް އިލްތިމާސްކޮށްފައެވެ.
ހަމަ އެހެންމެ އުޅަނދުން ދަތުރުކުރާ އެންމެން ވެސް ލައިފް ޖެކެޓް އަޅައިގެން ތިބުމަށާއި އެމަޖެންސީ ހާލަތުގައި ގުޅާނެ ނަންބަރުތައް ފެންނާނެހެން އުޅަނދުގައި ބެހެއްޓުމަށް ވެސް ފުލުހުން އެދިފައިވެއެވެ.

