ދިވެހި ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތު ކަމާއި، ދީނީ ތަރުބިއްޔަތާއި އަޚްލާޤާއި ސުލޫކު، ލީޑަރޝިޕް، އަދި ހަށިހެޔޮކަމުގެ ގެ އިތުރުން ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާނެ ތަފާތު އެތައް ދާއިރާއަކުން ޒުވާނުން ތަމްރީނު ކުރުމުގެ މަގްސަދުގައި ސަރުކާރުން ހިންގާ ވަޠަނީ ހިދުމަތުގެ 3 ވަނަ ބުރުގެ ބައިވެރިންނަށް ރައީސް ޑރ މުހައްމަދު މުއިއްޒު ކާމިޔާބީއަށް އެދިވަޑައިގެންފިއެވެ.
އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނަށް ހުޅުވާލި ދެވަނަ ފުރުޞަތުގައި ކުރިމަތިލި 1785 ދިވެހި ޒުވާނުންގެ ތެރެއިން ފުރަތަމަ 352 ބައިވެރިން ވަނީ ދިވެހި ވަޠަނީ ޚިދުމަތުން ކުރިއަށް ގެންދާ ނޭޝަނަލް ސަރވިސް ޓްރޭނިންގ ގެ 3 ވަނަ ބެޗުގެ ތަމްރީނަށް ފުރައިފި ކަމަށެވެ.
އެ ބައިވެރިން ތަމްރީން ކުރިއަށް ގެންދާނީ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރ، ޅ.މާފިލާފުށިގައި ތިންމަސް ދުވަހުގެ މުއްދަތަކަށް ކަމަށާ، އަމިއްލަ ނަފްސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ، ރޫޙާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ކުރިއަށް ގެންދާ ދިވެހި ވަޠަނީ ޚިދުމަތުގެ ޙަރަކާތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަކީ، ސަރުކާރުގެ ޒުވާނުން ބިނާކުރުމާ ގުޅޭ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށް އެމަނިކުފާނު ހާމަކުރައްވާފައިވެއެވެ.
ނޭޝަނަލް ސަރވިސް ޓްރޭނިންގ ގެ 3 ވަނަ ބެޗުގައި ރާއްޖޭގެ 20 އަތޮޅުން 115 ރަށަކަށް ނިސްބަތްވާ 64 އަންހެން އަދި 288 ފިރިހެން ޒުވާނުން ބައިވެރިވެފައިވާ ކަމަށާ ހުރިހާ ބައިވެރިންނަށްވެސް ސާބިތުކަމާއި ކާމިޔާބަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް އިފްތިތާޙު ކޮށްފައިވަނީ، މިދިޔަ އަހަރު އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުއެވެ. މިޕްރޮގްރާމުގެ 2 ބެޗުގައި ޖުމްލަ 680 އަށްވުރެ ގިނަ ދަރިވަރުން ވަނީ ތަމްރީނުވެފައެވެ. މިޕްރޮގްރާމުގައި ބައިވެރިވާ ކުދިންނަށް ސަރުކާރުގެ އެކި މުއައްސަސާތަކުން ވަޒީފާގެ ފުރުސަތު ފަހިކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިޕްރޮގްރާމުގައި ބައިވެރިވާ ކުދިންގެ ކިބައިގައި ދީނީ ކަންކަމަށް ފަރުވާތެރިވުމަށާއި، ސާފުތާހިރު ކަމަށް އަދި އަމިއްލައަށް ކަންކަން ކުރުމުގެ އާދަ އަށަގެންނެވުމާއި، ހަރުދަނާ ޝަޚުސިއްޔަތެއް ބިނާކުރުމަށް ބޭނުންވާ މުހިއްމު ކަންކަން ދަސްކޮށްދެއެވެ. މިޕްރޮގްރާމުގެ ސަބަބުން ކުދިންނަށް މުހިއްމު އާދަތަކެއް ދަސްވެ، ކުދިންނަށް ހެޔޮ ބަދަލެއް އަންނަކަން ބެލެނިވެރިން ފާހަގަކުރެއެވެ.

