މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު މޫސާ ޒަމީރު މަގާމުން އިސްތިއުފާ ދެއްވީ ސިއްހީ ހާލުކޮޅު ހުރިގޮތުން، އަމިއްލަފުޅަށް ބޭނުންވެގެން ކަމަށާއި އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެން ނޫން ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެއެވެ.
ތަރުޖަމާނު މުންދު، ވަގުތު ނޫހަށް ވިދާޅުވި ގޮތުގައި، ޒަމީރު އިސްތިއުފާ ދެއްވީ ސިއްހީ ފަރުވާ ހޯއްދަވަން ރާއްޖޭއިން ބޭރަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާތީ އާއި އެޑްމިޓްކޮށްގެން ފަރުވާ ހޯއްދަވަން ޖެހިވަޑައިގަންނަވާތީ އެކަން އަންގަވާފައެވެ. ޒަމީރު ވަނީ މިދިޔަ ޑިސެމްބަރު މަސް ތެރޭގައި ސިންގަޕޫރުގައި ސާޖަރީތަކެއްވެސް ކުރައްވާފައެވެ.
"ދުވަސްކޮޅެއް ވަންދެން މަޑުވެސް ކުރެއްވީ ބުރަ ދުވަސްކޮޅަކަށް ވެފައި، އެކަމަށް އެޓެންޑް ކުރައްވަފައި ވަޑައިގަންނަވަން ވެގެން،" މުންދު ވިދާޅުވިއެވެ. މީގެ އިތުރުން މިއީ އެއްވެސް ފަރާތަކުން އަންގަވައިގެން ޒަމީރު ނެންގެވި ފިޔަވަޅެއް ނޫންކަން ތަރުޖަމާނު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.
ސަރުކާރު އެކުލަވާލިއިރު ހާރިޖީ ވަޒީރުކަމާއި، އޭގެ ފަހުން މާލީ ވަޒީރުކަމުގެ މަގާމުގައި ހުންނަވައިގެން ޒަމީރު ސަރުކާރަށް ކޮށްދެއްވި ހިދުމަތްތަކަށް ސަރުކާރުގެ ފަރާތުން މުންދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

