މިދިޔަ އާދީއްތަ ދުވަހު އައްޑޫސިޓީ ހިތަދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ އައްޑޫސިޓީ ހިތަދޫއަށް އުފަން ރަމީޒް އަބްދުﷲ އެވެ. އޭނާ ނިޔާވީ މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައެވެ.
ހިތަދޫ އެޅެދީދީ މަގުގައި މި އެކްސިޑެންޓު ހިނގާފައިވަނީ، ބާރަށް ދުއްވާފައި އައި ސައިކަލެއް ރަމީޒް އަބްދުﷲ ދުއްވާފައި އައި ސައިކަލުގައި ޖެހިގެންނެވެ. މި އެކްސިޑެންޓު ހިނގި މަންޒަރު ފެންނަ ވީޑީއޯއެއްވެސް މިހާރު ދަނީ މީސްމީޑިއާގައި ދައުރުވަމުންނެވެ.
އެކްސިޑެންޓާ ގުޅިގެން ރަމީޒަށް ފުރަތަމަ ފަރުވާ ދީފައިވަނީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައެވެ. ނަމަވެސް، އޭނާގެ ހާލަތު ސީރިއަސްވުމުގެ ސަބަބުން އިތުރު ފަރުވާއަށް މާލެ ގެނެސް، އޭޑީކޭ ހޮސްޕިޓަލުގައި ވަނީ ސިކުނޑީގެ އޮޕަރޭޝަނެއްވެސް ކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.

