މ. އަތޮޅުގެ ތާރީޚުގައި އެންމެ ފުރަތަމަ ފަހަރަށް ހާފިޡުކަމުގެ ސަނަދު ހާސިލުކުރި ފަރާތަކަށް، އެ އަތޮޅު މުލީ، ފާތިމަތު މޫނިސާ މޫސާ ވެއްޖެއެވެ. މޫނިސާ މި ފަޚުރުވެރި ސަނަދު ހާސިލުކޮށްފައިވަނީ 18 މޭ 2026 ގައެވެ.
އުމުރުން 19 އަހަރުގެ އަލްޙާފިޡާ ފާތިމަތު މޫނިސާ މޫސާ މި ސަނަދު ހާސިލުކޮށްފައިވަނީ ކީރިތި ޤުރުއާން ހިތުން ދަސްކޮށް، އެއްވަނަ ދަރަޖައިގައި ފާސްވެގެންނެވެ. މިއީ މ. އަތޮޅަށް ނިސްބަތްވާ ކުއްޖަކު މިފަދަ ޝަރަފެއް ހޯދި ފުރަތަމަ ފަހަރެވެ.
މޫނިސާ ހޯދި މި ފާހަގަކޮށްލެވޭ ކާމިޔާބީއާ ގުޅިގެން، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވަނީ އޭނާއާ ބައްދަލުކުރައްވާފައެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ބޭއްވި މި ބައްދަލުވުމުގައި ވަޒީރު ވަނީ މޫނިސާ ހޯދި ކާމިޔާބީއަށް މަރުހަބާ ދަންނަވައި، ކީރިތި ޤުރުއާނުގެ ރޮނގުން އިތުރަށް ކުރިއަށް ދިއުމަށް ހިތްވަރު ދެއްވާފައެވެ.
ސަރުކާރުން މިހާރު އަމާޒު ހިފާފައިވަނީ ރާއްޖޭގައި ޤުރުއާން ހިތުން ދަސްކުރާ މީހުންގެ އަދަދު އިތުރުކުރުމަށެވެ. އެގޮތުން ކޮންމެ އަހަރަކު 100 ހާފިޡުން އުފެއްދުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ.
މީގެ އިތުރުން، މި ފަސް އަހަރުގެ ދައުރު ނިމޭއިރު ރާއްޖޭގައި ހާފިޡުކަމުގެ ސަނަދު ލިބިފައިވާ މީހުންގެ ޖުމްލަ އަދަދު 1،000 އަށް އިތުރުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

