ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަކީ ކޮންމެ ފަސިންޖަރަކަށް ވެސް ހަމަހަމަކަމާއެކު އިތުބާރު ހުރި ދުނިޔޭގެ ފެންވަރުގެ ހިދުމަތްތަކެއް ލިބޭނެ ތަނަކަށް ހެދުމަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އަމާޒެއް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު އިއްޔެ ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ ނަން-ވިޒިބަލް ޑިސްއެބިލިޓީސް ނުވަތަ ހާއްސަ އެހީއަށް ބޭނުންވާ ފަސިންޖަރުންނަށް ވީއައިއޭގެ ޓާމިނަލް 1 ގައި ހާއްސަ "ކާމް ރޫމް" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ކާމް ރޫމް ހުޅުއްވައި ދެއްވީ ވެސް މެނޭޖިން ޑިރެކްޓަރު ޝަރީފެވެ. މިއީ އެމްއޭސީއެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ހުޅުވި ތަނެއް ކަމަށް އެ ކުންފުނިން ބުނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، ވީއައިއޭ އަކީ އެއްވެސް ފަސިންޖަރަކު ބާކީނުކޮށް، އެންމެންނަށް އަޅާލާ މާހައުލެއް ގާއިމުކުރުމަށް ކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި ކާމް ރޫމް ގާއިމުކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި މުވައްޒަފުން ތަމްރީނުކުރުމުގައި އޯޓިޒަމް ކެއާ މޯލްޑިވްސް އާއި އޯޓިޒަމް އެސޯސިއޭޝަންގެ ފަރާތުން ވެދެއްވި އެހީތެރިކަމަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ.
އެމްއޭސީއެލް އިން ހާމަކުރި ގޮތުގައި، އެ ކުންފުނީގެ އަމާޒަކީ ކުރިއަށް އޮތްތަނުގައި މި ހިދުމަތް ވީއައިއޭގެ ޓާމިނަލް 2 އާއި ސީޕްލޭން ޓާމިނަލަށްވެސް ފުޅާކުރުމެވެ. މިއީ އެއާޕޯޓުން ހިދުމަތް ހޯދާ ހުރިހާ ފަރާތްތަކަށް ފަސޭހަ އަދި ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދިނުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި އެ ކުންފުނިން ފާހަގަކުރެއެވެ.

